ރަސްމާލެ ހިއްކުމަށް ބޭރުން ގެނެސްފައިވާ ކޮންމެ ޑްރެޖަރަކަށް ދުވާލަކަށް 200،000 ޑޮލަރު ދެމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ތުހުމަތު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ނާޒިމް އެގޮތަށް ތުހުމަތު ކުރެއްވީ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ނާޒިލްގެ ވާހަކައިގައި އޭނާ ފާހަގަ ކުރެއްވި ގޮތުގައި، މި ސަރުކާރުން މިދިޔަ ތިން އަހަރެއްހާ ދުވަސް ތެރޭ ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށްފައިވެ އެވެ. އަދި ބޭރުން އެންމެ ޑޮލަރެއް ވެސް މި ސަރުކާރަށް ނުހޯދުނު ކަމަށާއި ހުރި ޑޯލަރުކޮ ޅުވެސް އިސްރާފު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތާގެ ބައިތުލްމާލުގައި ހުރި ފައިސާކޮޅު ނަގާ ވެއްޔަށް ހަދައި، ކަނޑަށް އަޅާ ހުސްކޮށްލަނީ. މީގެ ކޮންމެ ކޮންނަ ބޯޓަކަށް ދުވާލެއްގެ މައްޗަށް ދެ ލައްކަ ޑޮލަރު ދޭން އެބަ ޖެހޭ،" ނާޒިލް ވިދާޅުވި އެވެ.
"ދެ ބޯޓު އެބަ އޮވޭ. ހަތަރު ލައްކަ ޑޮލަރު ދުވާލަކަށް ދޭން އެބަ ޖެހޭ."
އެއާއެކު ދެން އޭނާ ސުވާލު އުފެއްދެވީ، ސަރުކާރުން އެ ހޭދަ ކުރަމުން ދާއިރު ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ގޮތަކާ ގުޅޭ ގޮތުންނެވެ.
މިދިޔަ އަހަރު ރަސްމާލެ ހިއްކުމަށް ތިން ޑްރެޖަރެއް ބޭނުން ކުރި އެވެ. ނަމަވެސް ފަހުން ބޭނުން ކުރަމުން އައީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ދެ ޑްރެޖަރެވެ. މި ޑްރެޖަރުތަކަށް ކުރާ ހަރަދުތައް ސަރުކާރުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ބިން ހިއްކުމުގެ މަޝްރޫއޫގެ ތެރެއިން ސަރުކާރުން 'ވައްކަން' ކުރަމުންދާ ކަމަށް މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވެސް ތުހުމަތު ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުން މިދިޔަ އަހަރު ބުނެފައިވާ ގޮތުން މިއަހަރު އެޕްރީލްއަށް ރަސްމާލެ ހިއްކާ ނިންމާލެވޭނެ އެވެ. ނަމަވެސް ރައީސް މުއިއްޒު މިދިޔަ ޖޫން މަހު ވިދާޅުވި ގޮތުގައި މި މަޝްރޫއޫގެ ދަށުން ހިއްކުނީ %60 އެވެ. އަދި މިހާރު ޓާގެޓް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ބިން ހިއްކައި ނިންމަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކާ 2 ޑްރެޖަރަކަށް ދުވާލަކަށް 4 ލައްކަ ޑޮލަރު އެބަހޭދަވޭ: ނާޒިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ