އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 17 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، އެ އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ގެނައި އެމްބިއުލާންސްތަކެއް ކަމަށެވެ. އެ އެމްބިއުލާންސްތައް ހަވާލުކުރެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެ ރަށްތަކަކީ:
ށ. ކޮމަންޑޫ
ށ. ފޮއްދޫ
ނ. ހެނބަދޫ
ބ. ދަރަވަންދޫ
ބ. ފުޅަދޫ
ބ. ދޮންފަނު
ޅ. އޮޅުވެލިފުށި
ވ. ފުލިދޫ
ވ. ކެޔޮދޫ
މ. ވޭވަށު
އއ. ބޮޑުފޮޅަދޫ
އއ. ހިމަންދޫ
އދ. ކުނބުރުދޫ
އދ. ދަނގެތި
ލ. ފޮނަދޫ
ގއ. ކޮނޑޭ
ގދ. ވާދޫ
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ 17 އެމްބިއުލާންސަކީ 31 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް އެމްޕީއެލްއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި މަޝްރޫއުގެ ދަށުން ގެނައި އެމްބިއުލާންސްތަކެއް ކަމަށެވެ. އެ މަޝްރޫއަކީ 36.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އިއްޔެ ހަވާލުކުރެވުނު އެމްބިއުލާންސްތަކާއެކު މިހާތަނަށް 87 އެމްބިއުލާންސް ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހަވާލުކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. އެ މަޝްރޫއުގެ ދަށުން ގެނައި ފުރަތަމަ 14 އެމްބިއުލާންސް ހަވާލުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުއެވެ.
މި އަހަރުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަޙައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މިއަހަރުގެ ތެރޭގައި ގެނެސް، އެ ރަށްތަކާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ