އަތޮޅުތެރޭގެ 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ރޭ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއީ ރަށްރަށުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ޚިދުމަތް ދިނުމަށް އަލަށް ގެނައި އުޅަނދުތަކެކެވެ. މި އުޅަނދުތަކަކީ އަތޮޅުތެރޭގެ 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް 36.2 މިލިއަން ރުފިޔާއަށް, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ފަހު ބެޗެވެ. މި މަޝްރޫޢު އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ގެނައި ފުރަތަމަ ބެޗުގައި ހިމެނޭ 14 އެމްބިއުލާންސް ވަނީ 09 މާޗް 2026 ގައި އަތޮޅުތެރޭގެ ރަށްތަކާ ހަވާލުކޮށްފައެވެ. ރޭ ހަވާލުކުރި 17 އެމްބިއުލާންސާއެކު، މި ސަރުކާރުން މިހާތަނަށް ޖުމްލަ 87 އައު އެމްބިއުލާންސް ގެނެސް، އެމްބިއުލޭޓްރީ ޚިދުމަތް ދިނުމަށް ވަނީ ފޯރުކޮށްދީފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ފަހަރު އައު އެމްބިއުލާންސް ހަވާލުކޮށްފައިވާ 17 ރަށަކީ: ށ. ކޮމަންޑޫ ށ. ފޮއްދޫ ނ. ހެނބަދޫ ބ. ދަރަވަންދޫ ބ. ފުޅަދޫ ބ. ދޮންފަނު ޅ. އޮޅުވެލިފުށި ވ. ފުލިދޫ ވ. ކެޔޮދޫ މ. ވޭވަށު އއ. ބޮޑުފޮޅަދޫ އއ. ހިމަންދޫ އދ. ކުނބުރުދޫ އދ. ދަނގެތި ލ. ފޮނަދޫ ގއ. ކޮނޑޭ ގދ. ވާދޫ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މީގެ އިތުރުން، މި އަހަރުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަޙައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ހަމައެއާއެކު، އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މިއަހަރުގެ ތެރޭގައި ގެނެސް، އެ ރަށްތަކާ ހަވާލުކުރާނެ ކަން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ