ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތެއްގެ ފައިނަލުގައި 1-0 ގެ ނަތީޖާ އަކުން ފުވައްމުލަކު ސިޓީގެ ދަޑިމަގުގެ މައްޗަށް ކުރިހޯދާ ޗެމްޕިއަންކަން ގދ. ވާދޫ އިން ހޯދައިފި އެވެ.
މިއީ، ޒޯން ތަށި ވާދޫ އަށް ލިބުނު ތިން ވަނަ ފަހަރެވެ. އެއީ، 2022، 2023 އަދި 2025 ވަނަ އަހަރު އެވެ.
މި ފަހަރުގެ މުބާރާތުގެ ޒޯން ހަތެއްގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ވަނީ ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނިޓްގައި ވާދޫ އަށް ޖަހައިދިނީ މި މެޗުގައި ރަނގަޅު ކުުޅުމެއް ދެއްކި، އިބްރާހީމް ޝައުފް މުހައްމަދު އެވެ. އޭނާ މި ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމެއްގައި، އޭރިއާތެެރެއަށް ޖައްސާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގައި ވާދޫ އާއި ދަޑިމަގުން ވެސް އަވަސް ކުޅުމެއް ކުޅެ، އެޓޭކުގައި ގިނަ ވަގުތު ބޯޅަ ހިފެހެއްޓޭތޯ މަސައްކަތްކުރި އެވެ.
ދަޑިމަގާ ވާދޫ ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން ވާދޫގެ ހަމައެކަނި ގޯލު ޖަހައިދިން ޝައުފް - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މެޗުގެ ދެވަނަ ހާފުގައި ދަޑިމަގުން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ވާދޫގެ ގޯލަށް ފޮނުވާލި ނަމަވެސް ވާދޫގެ ކީޕަރު ޒައިދާން އަހުމަދު ވަނީ ހުށިޔާރުކަމާއެކު ދަޑިމަގުގެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދަޑިމަގުގެ ކެޕްޓަން މުހައްމަދު ސާދް ނިޒާރް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވާދޫ ގޯލުގެ ހުރަސް ދަޑިއަށެވެ.
އޭގެ ފަހުން، ވާދޫގެ ނަޝާހް އަހުމަދު (ނައްޓު) އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ޕަވާޕްލޭގައި، ދަޑިމަގުގެ ގޯލު ބަލަހައްޓަމުން އައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ކުރިއަށް އަރައި ހުރި ވަގުތު ގެއްލުނު ބޯޅައެއް ހޯދައި، ދަޑިމަގުގެ ހާފުގެ ތެރެއިން މުޅިން ހުހަށް ހުރެ ނައްޓު ފޮނުވާލި ބޯޅަ ގޯލާ އަމާޒުނެވެ ދިޔައީ ބޭރަށެވެ.
މި ޒޯނުގެ ޗެމްޕިއަންކަން ވާދޫ އިން ހޯދިއިރު، ޒޯން ހަތެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޝައުފް އެވެ. މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ހިތަދޫގެ އަލީ ޝަނޫން އެވެ.
މި މުބާރާތުގެ ގަދަ 16 ގައި ވާދޫ އިން ނުކުންނާނީ ޒޯން އެކެއްގެ ރަނަރަޕް ހއ. ދިއްދޫއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންްނަ ހޮނިހިރު ދުވަހުގެ ރެޔެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަޑިމަގު ބަލިކޮށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ވާދޫ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަޑިމަގު ބަލިކޮށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ވާދޫ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ