ތިމާވެއްޓާ ރައްޓެހި ޓެކްސީ ޚިދުމަތް ދިނުމަށް އެމްޓީސީސީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ޚިދުމަތެއް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މީރުމާ ކާނިމާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ މި ޚިދުމަތުގައި ބޭނުންކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) ކަމަށެވެ. މި ޚިދުމަތް މިއަހަރުގެ މެދުތެރޭގައި ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެފައިވަނީ ޓެކްސީ ޚިދުމަތާ ގުޅެން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕޫލެއްގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. އަދި ޓެކްސީ ލައިނަށް ޚާއްޞަ އެވެއަރނެސް ޕްރޮގްރާމެއް ހިންގައި، އެ ޕްރޮގްރާމުން ފާސްވާ ފަރާތްތަކަށް ޓެކްސީ ދުއްވުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޚިދުމަތް ދޭނީ އޫބަރ ނުވަތަ ގްރެބްގެ ކޮންސެޕްޓްގައި ރާއްޖޭގައި ތައްޔާރުކޮށްފައިވާ އަމިއްލަ ސޮފްޓްވެއަރއެއްގެ ތެރެއިންނެވެ. ޚިދުމަތަށް އެދޭތާ މަދުވެގެން 2 މިނެޓުގެ ތެރޭގައި ޓެކްސީ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މި ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށާއި، މިއީ ކޭޝްލެސް ޚިދުމަތެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މި ޚިދުމަތުގައި މަސައްކަތްކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ޕާޓްޓައިމް ޑްރައިވަރުންނަށް ހަފްތާއަކު ނުވަތަ ދެ ހަފްތާއަކުން މުސާރަ ދެވޭނެ ގޮތަށް ރޭވިފައިވާ ކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށާއި، މިހާރު ޓެކްސީގެ ޚިދުމަތް ދެމުންދާ ފަރާތްތަކަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް ރޭވިފައިވާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ. މި ޚިދުމަތަކީ "މާލެ ފަހި" މަޝްރޫޢުގެ ދަށުން ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެއްގެ ނަތީޖާއެކެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ޓެކްސީތައް ޒިންމާދާރުކުރުވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން، ރައްޔިތުންނަށް ހުރިހާ ވަގުތެއްގައި ހުރިހާ ތަނަކަށް ދެވޭނެ ފަދަ ފަސޭހަ ގޮތަކަށް ޚިދުމަތް ބައްޓަންވެފައި ނެތެވެ. މި އައު ޚިދުމަތަކީ މި މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. 
މި ޚިދުމަތް ފެށުމުން ޓެކްސީ ދުއްވާ ފަރާތްތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިގޮތުން، އަމިއްލައަށް ކާރެއް ގަންނަން ނުޖެހުމާއި، ގަރާޖެއް ހޯދަން ނުޖެހުމާއި، ވަޒީފާގެ ފުރުޞަތު އިތުރުވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. އަދި ވަގުތީ ގޮތުން މާލޭގައި ތިބޭ ފަރާތްތަކަށްވެސް މި ޚިދުމަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޚިދުމަތަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ތަޢާރަފުކޮށްގެން ދޭ، ދެފަރާތުން އެއްބަސްވާ ގޮތަށް މީޓަރު އުސޫލަކުން ހިންގާ ޚިދުމަތެކެވެ. މި ޚިދުމަތް ފެށުމުން މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
                   
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ