ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދޭއްގެ ފައިނަލުގައި ރ. ދުވާފަރުގެ މައްޗަށް، 4-2 އިން ކުރިހޯދައި، އެ އަތޮޅު އިނގުރައިދޫ އިން ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.
ރ. އިނގުރައިދޫ އާއި ދުވާފަރުގެ މެޗު މަޝްހޫރުވެފައިވަނީ އެ އަތޮޅުގެ "ކްލެސިކޯ"ގެ ނަމުންނެވެ. މި ދެ ޓީމު މި މުބާރާތުގައި މިހާތަނަށް ހަތަރު ފަހަރު ވަނީ ބައްދަލުކޮށްފަ އެވެ. އެއީ، ރ. އަތޮޅު ގްރޫޕް ސްޓޭޖުގައި، އެ އަތޮޅު ފައިނަލުގައި އަދި ޒޯން ލީގު ބުރުގެ އިތުރުން ޒޯން ފައިނަލުގަ އެވެ. މި ހަތަރު މެޗު ވެސް ކާމިޔާބު ކުރީ އިނގުރައިދޫ އިންނެވެ.
މި މެޗުގެ ފަސް ވަނަ މިނިޓްގައި އިނގުރައިދޫ އިން ލީޑު ނެގީ، އަހުމަދު އައިހަމް (އައިހު) ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އިނގުރައިދޫ އަށް ލީޑު ފުޅާކޮށްދިނީ އަހުމަދު މަސީދު (މައްޓެ) ޖެހި ގޯލުންނެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައިރި ކައިރީގައި ދުވާފަރުން ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ދެ ގޯލު ވެސް އެ ޓީމަށް ޖަހައި ދިނީ ހަސަން އަޒޫމް އެވެ.
ދުވާފަރު ކޮޅަށް ގޯލު ޖެހުމަށްފަހު ހާއްޕެ އުފާފާޅުކުރަނީ - ފޮޓޯ: އަރޫފް އާތިފް / އަދަދު ސްޕޯޓްސް
ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓްގައި އިނގުރައިދޫ އިން ވަނީ އަލުން ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައި ދިނީ މުހައްމަދު މަމްދޫހް (މަންޑޭ) އެވެ.
ލަނޑެއް ޖަަހައި، އެއްވަރުކުރެވޭތޯ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ދުވާފަރުން މަސައްކަތް ކުރި އެވެ. އެކަމަކު، އޭގެއިން ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
އިނގުރައިދޫގެ ހަތަރު ވަނަ ގޯލު މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައި ދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެޕްޓަން އަލީ ހާފިޒް (ހާއްޕެ) އެވެ. ދުވާފަރު ދެ ކުޅުންތެރިން އަތުން ދޫވި ބޯޅައެއް ހޯދައި، ހާއްޕެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދުވާފަރުގެ ކީޕަރު، އިބްރާހިމް ނަދީމް ފައިދަށުންނެވެ.
އިނގުރައިދޫ އިން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދިއިރު, ޒޯން ދޭއްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔަކީ އިނގުރައިދޫގެ ހާއްޕެ އެވެ.
އިނގުރައިދޫން މި ވަނީ މިދިޔަ އަހަރު ދުވާފަރުން ހޯދި ރ. އަތޮޅުގެ ޗެމްޕިއަން ކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން މި ފަހަރު ހާސިލްކޮށްފަ އެވެ.
މި މުބާރާތުގެ ގަދަ 16 ގައި އިނގުރައިދޫ ނުކުންނާނީ ޒޯން ހައެއްގެ ރަނަރަޕް ލ. ގަމާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރު ބަލިކޮށް ޒޯން ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރު ބަލިކޮށް ޒޯން ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ