ގާޒާގައި ދިރިއުޅޭ ފަލަސްތީންގެ ދެ މިލިއަން މީހުން ބޭރުކޮށް، ގާޒާ ހިފުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަކީ "ކަތިލުމާއި ވައްކަން" ކުރުން ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން އިއްޔެ ސިފަކޮށްފި އެވެ.
"އެމެރިކާގެ މި އަނިޔާވެރި ޑެކްލަރޭޝަންގެ ސަބަބުން ދުނިޔެ މިހާރު ވަނީ ހޫނު ތަވައެއްހެން ކެކިއަރާފައި،" ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން އިއްޔެ ޝާއިއުކުރި ކޮމެންޓްރީއެއްގައި ބުނެފައިވެ އެވެ.
ވައިޓް ހައުސްގެ ގާޒާ ހުށަހެޅުމަކީ ދުނިޔޭގެ މައްޗަށް އެމެރިކާ އިން ބާރު ގަދަކޮށް "އިސްތިއުމާރީ އަދި ހަރުކަށި"ކަން ގެންގުޅުމުގެ ހެއްކެއް ކަމަށް އެ އެޖެންސީން ބުނެ އެވެ.
ޕެނަމާ ކަނޑާއި އާއި ގްރީންލޭންޑް އަތުލުމަށް ޓްރަމްޕްގެ ސަރުކާރުން ގޮވާލުމާއި 'ގަލްފް އޮފް މެކްސިކޯ'ގެ ނަން 'ގަލްފް އޮފް އެމެރިކާ'އަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ވެސް ކޭސީއެންއޭ އިން ވަނީ އެމެރިކާ އިން ގެންގުޅެނީ "ހަރުކަށި ފޭރުމު"ގެ ސިޔާސަތު ކަމަށް ސިފަކޮށްފަ އެވެ.
"އެމެރިކާގެ މި ހުވަފެނީ ދުނިޔެ އިން ހޭލައި އެހެން ގައުމުތަކާއި އެ ގައުމުތަކުގެ ކަރާމާތާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލު އެއްފަހަރާ ހުއްޓާލަން ޖެހޭ،" ކޭސީއެންއޭ އިން ބުންޏެވެ.
"މިއީ ހަމައެކަނި ގާޒާއަށް އެކަނި އޮތް މައްސަލައެއް ނޫން."
އުތުރު ކޮރެއާއަކީ އިޒްރޭލުން ގާޒާގައި ހިންގާ ލާ އިންސާނީ އަމަލުތަކަަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ގައުމެކެވެ. އަދި އިޒްރޭލަކީ ފަލަސްތީނުގެ ރައްޔިތުން "އަނިޔާވެރިކޮށް" މެރުން ކުށްވެރިކޮށް، އެމެރިކާއަކީ އެ ގައުމުގެ އެ ޖަރީމާތަކުގައި ބައިވެރިވާ ގައުމެއް ކަމަށް ވެސް އުތުރު ކޮރެއާ އިން އަންނަނީ ބުނަމުންނެވެ.
ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ގާޒާއިން ވިއްސިވިހާލި ވެފައިވާ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ފަލަސްތީނުގެ އެ މީހުންގެ ބިމަށް އެނބުރި ދިއުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.
ޓްރަމްޕްގެ ގާޒާ ހިފުމުގެ ޕްލޭނަކީ ކަތިލުމާއި ވައްކަން ކުރުން ކަމަށް އުތުރު ކޮރެއާއިން ސިފަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ