ކައިވެނި ރޫޅި، ޢިއްދައިގެ މުއްދަތުގަ ކައިވެނި ރުޖޫޢަ ނުކޮށްފިނަމަ، ވާނީ ހިލޭ ދެމީހުންނަށް! ފެންނަން ޖެހޭނީ އަޢުރަ ނިވާކޮށްގެން ތިބެ!

މިއީ ގިނަ ބައަކަށް އަދިވެސް އޮޅުން އަރާފައިވާ ކަމެކެވެ. އެހެންކަމުން ހަނދުމަކޮށްލައިދިނުމުގެ ގޮތުން ކަމުގެ ޙުކުން އޮތް ގޮތް ބަޔާންކޮށްލައިދޭނަމެވެ.
ވަރި ވުމަށްފަހު ޢިއްދައިގެ ތެރޭގައިނަމަ ފިރިމީހާގެ ގެއިން އަނބިމީހާ ނުނެރުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. އެއީ އެއް ގެއެއްގެ ތެރޭގައި އުޅުމުގެ ތެރޭގައި އެދެމީހުންގެ ދެމެދުގައި ހިނގި ދެބަސްވުން ނެތިގޮސް މާފުކޮށް، ކައިވެނި ރުޖޫޢަ ކުރުމަށް މަގުފަހިވެގެންދާނެތީއެވެ.
އިސްލާމްދީނުގައި ބާރުއަޅުއްވާފައިވަނީ ކައިވެނިތައް ރޫޅިގެން ނުގޮސް ދެމިއޮތުމަށެވެ. މިގޮތަށް ޢިއްދައިގެ ތެރޭގައި ހުންނަ ދުވަސްވަރު ފިރިމީހާގެ ކުރިމަތީގައި ބުރުގާ އަޅާކަށް ނުޖެހޭނެއެވެ. އެހެނެއްކަމަކު އެ އަންހެންމީހާ އެހުރީ ފިރިހެންމީހާގެ ޒިންމާގެ ދަށުގައެވެ.
އިއްދައިގ މުއްދަތުގައި އަމިއްލައަށް ކައިވެނި ރުޖޫޢަވެސް ކުރެވޭނެއެވެ. އެހެނަސް ވަރިކުރިކަމާއި ކައިވެނި ރުޖޫޢަކުރިކަން ކޯޓުގައި ރަޖިސްޓްރީކުރަން ޖެހޭނެއެވެ.
ކައިވެނި ރޫޅިގޮސް ޢިއްދައިގެ ދުވަސްތަކުގެ ތެރޭގައި ކައިވެނި ރުޖޫޢަ ނުކޮށްފިނަމަ، އެ ދެމީހުން ވެގެންދާނީ ހިލޭ މީހުންނަށެވެ. އަދި އެކަކު އަނެކަކުގެ ކުރިމަތީގައި ޢައުރަ ނިވާ ކުރަން ޖެހޭނެއެވެ. އަދި އެކަހެރިން ބައްދަލުވުންފަދަ ހިލޭފިރިހެނުންނާއި ހިލޭ އަންހެނުންނަށް މަނާވެގެންވާ ހުރިހާ ކަމެއް އެދެމީހުންނަށް މަނާ ވާނެއެވެ. އެއީ އެދެމީހުން އިތުރު ކައިވެންޏެއް ނުކުރި ކަމުގައި ވިޔަސް މެއެވެ.
މާނައަކީ ދެމީހުންކުރެ މީހަކު އެހެން މީހަކާއި ކައިވެނި ނުކުރިނަމަވެސް އެދމީހުން ވެގެންދާނީ ހިލޭ ދެމީހުންނަށް ކަމެވެ. ވީމާ ބައްދަލުކުރާނަމަ ބުރުގާ އަޅައި އަޢުރަ ނުވާކުރަން ޖެހޭނެއެވެ.
ވަރިކޮށް ޢިއްދައިގެ މުއްދަތު ހަމަވުމުންވެސް ބައެއް އަންހެނުން ކުރީގެ ފިރިމީހާގެ ކުރމަތީގައި ބުރުގާ ނާޅައި އެބައުޅެއެވެ. މިއީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. ޢިއްދައިގެ މުއްދަތު ހަމަވުމަށްފަހު އެއީ ހިލޭ ދެމީހުންނެވެ. ހިނގާނީ ހިލޭ އަންހެނަކާއި ފިރިހެނެއްގެ ޙުކުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ