ވަގަށް ފުރާފައިވާ ކަމަށް ބުނާ މެމްބަޝިޕް ފޯމުގެ މައްސަލަ ބޮޑުވެ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ސީޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލި މުއްދަތުގައި 700އެއްހާ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ. އޭގެ ތެރެއިން %63 އަކީ ޕީއެންސީން ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކާ ގުޅޭ ޝަކުވާތަކެވެ.
ވީ ކިހިނެއް؟ - ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރަށް އަހަރު ފުރުނު ދުވަހު 75،000 މެންބަރުން ހަމަކުރުމަށް މިިދިޔަ އަހަރު ފަހުކޮޅު އެ ޕާޓީން ހިންގި މެމްބާޝިޕް ޑްރައިވްގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއަށް ވަގަށް ވެއްދި ކަމަށް ބުނާ މައްސަލަ ބޮޑުވި އެވެ. އެއާ އެކު، އީސީން ޕާޓީތަކުގެ ދަފްތަރު މިދިޔަ މަހު 23ގައި އާންމުކޮށް، އެއްވެސް ޕާޓީއަކަށް ވަގަށް މީހަކު ވައްދާފައިވޭތޯ ބެލުމަށް ޝަކުވާއަށް ހުޅުވާލާފައިވެ އެވެ.
ތަފްސީލު - އީސީން މިއަދު 'ދައުރު'އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޝަކުވާއަށް ހުޅުވާލި މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު، ޖުމްލަ 694 ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 438 ޝަކުވާއާ އެކު އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައި ވަނީ ޕީއެންސީއާ ގުޅޭ މައްސަލަތަކެވެ.
މިހާރު ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާފައިވާއިރު، މި ލިސްޓުގެ ކުރީގައި ދެން އުޅެނީ، ވިޔަފާރިވެރިޔާ އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ. އެ ޕާޓީއާ ގުޅޭ 81 ޝަކުވާ ހުށަހަޅާފައިވެ އެވެ.
އެހެން ޕާޓީތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާގެ އަދަދު:
އަދާލަތު ޕާޓީ: 41
އެމްޑީއޭ: 41
އެމްޓީޑީ: 26
އެމްއެންޕީ: 25
އެމްޑީޕީ: 17
އެމްއާރުއެމް: 8 (ޕާޓީ އުވާލުމާ ހަމައަށް)
ޕީއެންއެފް: 7
ޕީޕީއެމް: 6 (ޕާޓީ އުވާލުމާ ހަމައަށް)
ޑިމޮކްރެޓްސް: 4
ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ޝަކުވާއަށް ހުޅުވާލި މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވި ނަމަވެސް، މީހަކަށް ނޭނގި ޕާޓީއަކަށް ވާއްދާފައި އޮތް ނަމަ، އާންމު އުސޫލުން ކުރިއެކޭ ވެސް އެއްގޮތަށް އެފަދަ ޝަކުވާތައް އީސީއަށް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.
މިގޮތަށް ވަގު ފޯމު ކަމަށް ބެލެވޭ ފޯމު ހުށަހަޅައިގެން މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުގައި ވެސް 300އެއްހާ ޝަކުވާ އިސީއަށް ހުށަހަޅާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް- ޕީއެންސީން ހިންގި މެމްބާޝިޕް ޑްރައިވްއަށް ފަހު، މިހާރު 68،000އަށް ވުރެ ގިނަ މެންބަރުންނާ އެކު އެއީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވަނީ ވެފަ އެވެ. މިދިޔަ އޮގަސްޓުން ފެށިގެން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އެ ޕާޓީއަށް 39،000އެއްހާ މެންބަރުން އެ ޕާޓީއަށް ވައްދާފައިވާކަން އީސީގެ ދަފްތަރުން ދައްކަ އެވެ.
ގުޅުން ހުރި - ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތަކުގެ މައްސަލަ ބޮޑުވެގެން އީސީން ނިންމާފައި ވަނީ، މިދިޔަ މަހުގެ ނިޔަލަށް ޕާޓީތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ދިނުމަށް ފަހު، ވަގުތީ ގޮތުން ފޯމު ބަލައިގަތުން މަޑުޖައްސާލުމަށެވެ. އަދި އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތަށް ހެދުމަށް ވެސް އީސީން ނިންމާފައިވެ އެވެ.
ވަގު ފޯމު މައްސަލަ: 700އެއްހާ ޝަކުވާ؛ %63 އަކީ ޕީއެންސީގެ ފޯމުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ