ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.
ކަރެކްޝަންސް އިން މިރޭ ބުނީ މަރުވެފައިވަނީ ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އިމޭނުއަލް ޖޯންފޯލް އޮކޮނާޗީ، 35، ކަމަށެވެ.
އޭނާ މަރުވީ ޖަލުގެ ޔާޑުގައި އެހެން ގައިދީންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާދެނިކޮށް ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. އޭނާ ވެއްޓުމާއި މެޑިކަލް ސެންޓަރަށް ދިއުމާ ދެމެދު ނެގީ ހަތަރު މިނަޓު ކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.
އިމޭނުއަލް މަރުވީ މިއަދު ހަވީރު 5:20 ހާއިރު އެވެ. އޭނާ ކުޅެން ހުރީ ކޮން ކުޅިވަރެއް ކަމެއް ކަރެކްޝަނުން އާންމުކުރި މައުލޫމާތުގައި ބުނެފައެއް ނުވެ އެވެ.
އިމޭނުއަލް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގަ އެވެ.
ޖަލުގައި މީހުން މަރުވުމުން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، މި ހާދިސާގެ މައުލޫމާތުވެސް ކަރެކްޝަންސްގެ ވެރިޔާ އަށާއި ފުލުހުންގެ އިތުރުން ޕީޖީ އޮފީހަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެންގިފައިވާ ކަމަށް ކަރެކްޝަނުގެ މީޑިއާ ޓީމުން މިއަދު ބުންޏެވެ.
މިވަގުތު ޖަލުތަކުގައި ޝަރީއަތް ނިމެންދެން 435 މީހަކު ބަންދުކޮށްފައި އެބަތިއްބެވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ބަންދުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން، ބަންގްލަދޭޝް، ޕާކިސްތާން، ތައިލޭންޑު، އިންޑިއާ، ބްރެޒިލް، ނޭޕާލް, އުޒުބެކިސްތާން, ތުރުކީ އަދި އިނގިރޭސިވިލާތް، ކެންޔާ, ފިލިޕީންސް, ލެޓްވިއާ, ސިންގަޕޫރު އަދި ސްވިޓްޒަލޭންޑުގެ ރައްޔިތުން ވެސް ހިމެނެ އެވެ.
މާފުށީ ޖަލުގައި ވާނުވާ ބަންދުގައި ހުރި ބިދޭސީއަކު މަރުވެއްޖެ މާފުށީ ޖަލުގައި ވާނުވާ ބަންދުގައި ހުރި ބިދޭސީއަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ