އެޑޯބީން އޭއައި ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭ އައު ޚިދުމަތެއް ތައާރަފުކޮށްފި

އެޑޯބީ ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭ އައު ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ. "ފަޔާފްލައި ވީޑިއޯ މޮޑެލް"ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ޚިދުމަތަކީ، ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި އާއި ރަންވޭ ސްޓާޓްއަޕް ފަދަ ކުންފުނިތަކުން ފޯރުކޮށްދޭ ވީޑިއޯ އުފެއްދުމުގެ ޚިދުމަތްތަކާ ވާދަކުރާނެ ޚިދުމަތެކެވެ. އެޑޯބީގެ މި އައު ޚިދުމަތުގެ ޚާއްޞަ ކަމަކީ، ފިލްމާއި ޓީވީ ސްޓޫޑިއޯތަކުން ބޭނުންކުރާ ޕްރިމިއާ ޕްރޯ ވީޑިއޯ އެޑިޓިން ސޮފްޓްވެއާއާ ގުޅިގެން މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވުމެވެ. މި ޚިދުމަތުން 1080ޕީ ރެޒޮލިއުޝަންގައި ފަސް ސިކުންތުގެ ވީޑިއޯ ކްލިޕްތައް އުފެއްދޭނެއެވެ. އަގުތަކަށް ބަލާއިރު، މަހަކު 20 ކްލިޕް އުފެއްދޭ ގޮތަށް 9.99 ޑޮލަރަށް އަދި 70 ކްލިޕް އުފެއްދޭ ގޮތަށް 29.99 ޑޮލަރަށް މި ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ސްޓޫޑިއޯތަކާއި ގިނައިން ވީޑިއޯ އުފައްދާ ފަރާތްތަކަށް ޕްރީމިއަމް ޕްލޭނެއްގެ އަގުތައް މިއަހަރުގެ ފަހުން އިޢުލާނުކުރާނެ ކަމަށް އެޑޯބީން ބުނެފައިވެއެވެ. އެޑޯބީގެ ޖެނެރެޓިވް އޭއައި ވައިސް ޕްރެޒިޑެންޓް އަލެކްސަންދްރު ކޮސްޓިން ވިދާޅުވި ގޮތުގައި، ކުންފުނިން މިހާރު ވަނީ 4ކޭ ވީޑިއޯ އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. އަދި ދިގު ކްލިޕްތަކެއް އުފެއްދުމަށްވުރެ، ފިލްމެއް ފަދަ ފެންވަރު ރަނގަޅު، ބޭނުންކުރެވޭ ވީޑިއޯ ކްލިޕްތަކެއް އުފެއްދުމަށް އިސްކަންދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެޑޯބީއަކީ 1982ވަނަ އަހަރު އެމެރިކާގައި އުފައްދާފައިވާ، ސޮފްޓްވެއާ އުފެއްދުމުގައި ކުރިއަރާފައިވާ ކުންފުންޏެކެވެ. ފޮޓޯޝޮޕް، އިލަސްޓްރޭޓާ އަދި ޕްރިމިއާ ޕްރޯ ފަދަ މަޝްހޫރު ސޮފްޓްވެއާތައް އުފައްދާފައިވާ މި ކުންފުންޏަކީ ކްރިއޭޓިވް އިންޑަސްޓްރީގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ސޮފްޓްވެއާތަކުގެ ވެރިފަރާތެވެ. މި ކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ 150އަށްވުރެ ގިނަ ޤައުމެއްގައި ހިމެނޭ މިލިއަނަކަށްވުރެ ގިނަ ފަރާތްތަކުން މިހާރު ބޭނުންކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ