ތައިލެންޑްގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ޝޫޓިން މުބާރާތުގައި ޤައުމީ ރިކޯޑަކާއެކު ރާއްޖޭގެ މަރްޔަމް އީޝަލް މިސްބާހް މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އީޝަލް މި ރިކޯޑު ހަދާފައިވަނީ ތައިލެންޑުގައި މިހާރު ކުރިޔަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީގައި ވާދަކޮށްގެންނެވެ.
އޭނާ ގައުމީ ރިކޯޑު ހަދާފައިވަނީ 561 ޕޮއިންޓާއެކު އެވެ. ކުރިން މި ރިކޯޑް އޮތީ ރާއްޖޭގެ އެންމެ ދުވަސްވީ އަންހެން ޝޫޓަރުންގެ ތެރޭގައި ހިމެނޭ ފާތުމަތު ނައުރާ އިސްމާއިލް އަތުގައެވެ. އޭރު އޭނާގެ ރިކޯޑަކީ 517 ޕޮއިންޓެވެ.
ތައިލޭންޑް އަދި ކަޒަކްސްތާނުގެ ވަރުގަދަ ކުޅުންތެރިން ފަހަތަށް ޖައްސާލާ އީޝަލް ފައިނަލަށް ގޮސްފައިވާއިރު، މިއީ މިހާތަނަށް މި މުބާރާތުގައި ވާދަކުރާ 22 ގައުމުގެ ޝޫޓަރުންގެ ތެރެއިން ޖޫނިއަރ ކެޓެގެރީގައި މިހާ މަތީ ސްކޯރއެއް ހޯދި ދިވެހި ފުރަތަމަ ކުއްޖާއެވެ.
މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ 15 އަހަރުގެ މި ދަރިވަރު މި މުބާރާތުގައި ވާދަކޮށް ރަންވަނަތަކެއް ހޯދަމުން އަންނަ އިރު، އޭނާ މި މުބާރާތުގައި ވާދަކުރުމަށް ފުރާފައިވަނީ އެންމެ ތިން މަސްދުވަހުގެ ޕްރެކްޓިސްއަށް ފަހުއެވެ.
މި މުބާރާތުގެ މިކްސްޑް ޓީމު ޖޫނިއަރ ބައިގެ ފައިނަލުގައިވެސް މަރްޔަމް އީޝަލް މިސްބާހު އަދި މޫސާ ނުޢައިމް ހުސައިން ގެ ޕެއާވަނީ ވާދަކޮށްފައެވެ. ނަމަވެސް މި މެޗްގައި ރާއްޖޭގެ ޕެއަރވަނީ އެންމެ ވަޒަނެއްގެ ތަފާތަކުން ބަލިވެފައެވެ.
ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ މި މުބާރާތުގައި ރާއްޖެ ހޯދަމުން ދާ ކާމިޔާބީތައް ފާހަގަކޮށް، ދެއްވަމުންދާ އެއްބާރުލެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށާއި ކުޅިވަރު ވަޒީރަށް ޝުކުރުދަންނަވާފައެވެ. ޝޫޓިން ކުރިއެރުވުމަށް އިސްކަންދެއްވާ، ޝޫޓިން ޕްރެކްޓިސް ކުރުމަށް ހުޅުމާލެއިން ވަގުތީގޮތުން ބިމެއްދެއްވާފައިވާތީ އެކަންވެސް ޝޫޓިން އެސޯސިއޭޝަނުން ފާހަގަކޮށް ޝުކުރުދެންނެވިއެވެ.
ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލައިގެން "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް" މިދިޔަ އަހަރު ކުރިއަށް ގެންގޮސްފަވާއިރު، އެ މުބާރާތުގައިވަނީ ޖޫނިއަރ ކެޓަގަރީ އަލަށް ތައާރަފް ކޮށްފައެވެ. މިގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ޓްރަޔަލްސްތަކަކަށްފަހު މުބާރާތުގައި ވާދަކުރަން ކުޅުންތެރިން ހޮވުނެވެ.
ތައިލެންޑުގެ ޝޫޓިން މުބާރާތުން ގައުމީ ރިކޯޑާއެކު ރާއްޖޭގެ އީޝަލް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ