ގަލްފް އެއާލައިންތަކުން ދެކުނު އޭޝިއާގެ ދަތުރުތައް މެދުކަނޑާލައިފި
ޕާކިސްތާނާއި އިންޑިއާއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރިކަން އިއުލާނުކުރުމާ ގުޅިގެން ގަލްފް އެއާލައިތަކުން ދެކުނު އޭޝިއާއަށް ކުރާ ގިނަ ދަތުރުތައް މެދުކަނޑައިލައިފިއެވެ. އިއްތިހާދު، އެމިރޭޓްސް، އަދި ގަތަރު އެއާވޭސް ހިމެނޭ ގޮތަށް ދުބާއީ، އަބޫދާބީ އަދި ދޯހާ އެއާޕޯޓްތަކުން އިންޑިއާއާއި ޕާކިސްތާނުގެ އެއާޕޯޓްތަކަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އިއްތިހާދުން ވަނީ މި މަހުގެ ހަތްވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީ ލާހޯރު އަދި އިސްލާމްއާބާދަށް ކުރާ ދަތުރުތައް ވެސް ކެންސަލްކޮށްފައެވެ. "މީގެ އިތުރުން، ވައިގެ ސަރަހައްދުން ސަލާމަތްވުމަށްޓަކައި އެހެން ބައެއް ޚިދުމަތްތައް ރީރޫޓް ކުރެވިދާނެ، އޭގެ ސަބަބުން ފްލައިޓްތަކުގެ ވަގުތު އިތުރުވެދާނެ،" އިއްތިހާދު އެއާވޭސްއިން ނެރުނު ބަޔާނެއްގައިވެއެވެ. ދުބާއީއާއި ޕާކިސްތާނުގެ ސިއަލްކޯޓާއި ލާހޯރާއި އިސްލާމްއާބާދު އަދި ޕެޝަވާރު ފަދަ މަންޒިލްތަކާ ދެމެދު ކުރާ ދަތުރުތައް ވެސް ހުއްޓާލާފައިވާ ކަމަށް އެ އެއާލައިންސްގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އެ އާލައިނުން ޕާކިސްތާނަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ވެސް ގަތަރު އެއާލައިނުން ބުނެފައިވެއެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އިތުރުވަމުންދާ މި ދަނޑިވަޅުގައި އިންޑިއާގެ އުތުރުގެ އެއާޕޯޓްތަކަށް ކުރާ ދަތުރުތައް ކުރާއިރު ހާލަތު ޔަގީންކޮށް އެއާ އެއްގޮތަށް ޕްލޭންތައް ހެދުމަށް އިލްތިމާސްކޮށްފައިވެއެވެ. "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ފެށީ މިދިޔަ މަހު 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީފައި ދިން ހަމަލާއެއްގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލް އެކަކު މަރުވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުން ކަމަށާއި ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ނަމަވެސް، ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ