އިންޑިއާގައި މިއަދު ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ފަހަތުން އަރައި 2-2 އިން ބަންގްލަދޭޝާ އެއްވަރުކޮށްފި އެވެ.
ދަތުރުފަތުރުގައި ދިމާވި ކުއްލި ކަމެއްގެ ސަބަބުން، ފްލައިޓެއް ކެންސަލްވެ، ރާއްޖޭގެ ޓީމު މުބާރާތް ކުޅޭ އަރުނާލް ޕްރަދޭޝް އަށް ގޮސް ޓީމު ހަމަވީ މިއަދުގެ މެޗަށް 24 ގަޑިއިރަށް ވުރެ ކުޑަވެފަ އެވެ. އެހެންވެ، ޕްރެކްޓިހެއް މުބާރާތް ބާއްވާ ދަނޑުގައި ރާއްޖެ އަށް ނުކުރެވުނެވެ. އެކަމަކު، ބަންގްލަދޭޝް އިން ވަނީ މުބާރާތް ބާއްވާ ދަނޑުގައި ދެ ޕްރެކްޓިހެއް ކޮށްފަ އެެވެ. އެހެންވެ، މެޗު ފަށައިގެން އެ ޓީމު ރަނގަޅަށް ކުޅުނެވެ.
އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެ އެވެ. އެ ޓީމުން ލީޑުނެގީ، 13 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ނަޒްމުލް ހުދާ ފައިސަލް ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރާއްޖެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝްގެ ދެ ވަނަ ގޯލު ޖެހީ، އެ ޓީމުގެ ރިއްފަތު ގާޒީ ބޮލުންނެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ބަދަލުތަކެއް ގެނެސްގެން ކުޅުން ރަނގަޅުކުރި އެވެ. އެޓޭކަށް ދިޔަ ބޯޅަތަކުގައި ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ.
ރާއްޖޭން ފުރަތަމަ ލަނޑުޖެހީ، މެޗުގެ 57 ވަނަ މިނިޓްގައި، ނައްސާހު އިބްރާހިމް ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅައަކުން، އަނޫފް އަބްދުﷲ އެވެ. އަދި، ރާއްޖެ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ، މެޗުގެ 74 ވަނަ މިނިޓްގައި، އީތަން އިބްރާހިމް ޒަކީ އެވެ. ރާއްޖެ ޓީމުގެ ކެޕްޓަން، އަހުޒަމް ރަޝީދު (އަހު) ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލައި، އީތަން ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުން މޮޅުވާން ވެސް ރާއްޖޭން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އިތުރު ގޯލެއް ނުޖެހި މެޗު އެއްވަރުވީ އެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި، އާދިއްތަ ދުވަހު، ބަންގްލަދޭޝް އިން ކުޅޭނީ ބޫޓާންއާ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، އަންގާރަ ދުވަހު ރާއްޖޭން ބޫޓާނާ ކުޅޭނެ އެވެ.
ސާފް 19 އަހަރުން ދަށުގެ މުބާރާތް: ރާއްޖޭން ފަހަތުން އަރައި ބަންގްލަދޭޝާ އެއްވަރުކޮށްފި ސާފް 19 އަހަރުން ދަށުގެ މުބާރާތް: ރާއްޖޭން ފަހަތުން އަރައި ބަންގްލަދޭޝާ އެއްވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ