އެފްއޭއެމް ލީގު ކަޕް: މަހިބަދޫ އަތުން އޮޑި އަށް ފުރަތަމަ މޮޅެއް އެފްއޭއެމް ލީގު ކަޕް: މަހިބަދޫ އަތުން އޮޑި އަށް ފުރަތަމަ މޮޅެއް

އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 6-0 އިން އޮޑި ސްޕޯޓްސް ކްލަބުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
ފަސް ޓީމު ވާދަކުރާ ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އޮޑިން ކުޅުނު ފުރަަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަަ އެވެ. އެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެން އޮޑިން ނުކުމެ، މަހިބަދޫ އަތުން މޮޅުވީ، މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެގެންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން، 40 ސިކުންތު ތެރޭގައި އޮޑި އަށް ލީޑުނަގަން ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އޮޑީގެ މިސްރު ކުޅުންތެރިޔާ، އެލްސައީދު ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ. އޭގެ ފަހުން، އޮޑި ޓީމުގެ އަހުމަދު ނޫމާން (ހެލްމެޓް) އަށް ލިބުނު ފުރުސަތެއްގައި ގޯލަށް ފޮނުވާނުލެވުނުއިރު، އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލު ވަނީ އޮފްސައިޑްވެފަ އެވެ. އޭގެ ފަހުން، އޮޑި ޓީމުގެ ހައިޝަމް ރަޝީދު (ހައި) ބޮލުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވެ، ރީބައުންސުން މުޒްދާން ހަސަން ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.
މަހިބަދޫން މެޗު ފެށި ކީޕަރު، އަބްދުﷲ ޔާމީން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ. ބާވީސް މިނިޓް ފަހުން، އޭނާގެ ބަދަލުގައި ދެން ކުޅެން އެރީ، އަހުމަދު ނައުފަލް އެވެ.
އޮޑިން ލީޑުނެގީ 34 ވަނަ މިނިޓްގައި، މިސްރުގެ ޑިފެންޑަރު، އިސްމާއިލް ފެކްރީ ޖެހި ޕެނަލްޓީންނެވެ. މިއީ، މަހިބަދޫގެ ޑިފެންޑަރު، މުހައްމަދު އައިހަމް އަންވަރު އެ ޓީމުގެ އޭރިއާތެރެއިން، އޮޑީގެ އިއްބެ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ލަނޑުޖެހިތާ މިނިޓެއް ފަހުން، އޮޑީގެ ލީޑުފުޅާކޮށްދިނީ އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން، އިސްމާއިލް ވިފާގު (އިއްސެ) އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ވެސް އިއްސެ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި، އޭރިއާބޭރުން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، އިއްސެ ވަނީ އޭރިއާތެެރެއަށް ވަދެ، ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
އޮޑިން ވަނީ ދެ ވަނަ ހާފު ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އެ ޓީމުން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ، މެޗުގެ 49 ވަނަ މިނިޓްގައި، އައިހަމް އަހުމަދު (އައިހު) ހުސްކޮށްލާފައި ދިން ބޯޅައަކުން މުޒްދާން އެވެ. އޭގެ ހަ މިނިޓް ފަހުން، އައިހު ދިން ބޯޅައަކުން އޮޑީގެ ފަސް ވަނަ ލަނޑު ޖެހީ ހައިޝަމް އެވެ.
މެޗުގައި އޮޑިން ޖެހި ހަ ވަނަ ގޯލު ޖެހީ 75 ވަނަ މިނިޓްގައި މުޒްދާން އެވެ. މުޒްދާން މި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، އިބްރާހިމް އާޒިމް ނަގައިދިން ހުރަހަކަށް އަރަ އެވެ.
އެފްއޭއެމް ލީގު ކަޕްގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ޓީސީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ