ގަދަ ކޮޅިގަނޑުތައް ދެކެ ބިރުގަންނައިރު، ގިޔާމަތް ދުވަހާ މެދު ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް: ޚުތުބާ

ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނައިރު، ގިޔާމަތް ދުވަހާ މެދު ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ތަގުވާވެރީންނަކީ، މާތްﷲ ހަނދުމަކުރާ މީހުން"، މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، މާތްﷲ ގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫއަކުރެވޭނޭ ދުވަހަށް ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެ ހަނދުމަކޮށްގެން ކަމަށެވެ. ސުވަރުގޭގެ މަތިވެރި ސަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި އަޒާބުގެ މަތީން ހަނދާންކޮށް، އެ ކަންކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ، ވަޢުޡާއި ނަސޭހަތް ލިބިގަނެގެން ކަމަށް ޚުތުބާގައި ބުންޏެވެ. މާތްﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލަކީ ނަމާދު ގާއިމުކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. މާތްﷲ އަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ ކީރިތި ނަބިއްޔާ މިޢުރާޖު ކުރެއްވުނު ރޭ މެދުވެރިޔަކު ނެތި، ސީދާ އެ ކަލޭގެފާނަށް މާތްﷲ ގެ ބަސް ވަހީކުރައްވައިގެން ކަމަށެވެ. ޚުތުބާގައި ބުނީ، އަޅާގެ އަމަލުތަކުގެ ތެރެއިން، ގިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށެވެ. ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުންޏެވެ. އިސްލާމީ މަރުކަޒުގައި މީހުން ޚުތުބާ އަޑުއަހަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މާތްﷲ ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރްއާނަށާއި، ކީރިތި ރަސޫލާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއް ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. މާތްﷲ ހަނދުމަކުރުމާއި، ނަމާދު ގާއިމުކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝު އަމަލުތައް. ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝު އަމަލުތައް. މި އަމަލުތަކަކީ ޝައިތޯނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތައް، ހުކުރު ޚުތުބާ ޚުތުބާގައި ބުނީ، ބިރުވެރިކަން ބޮޑުވެގެންވާ ގިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި ކަމަށެވެ. އެއީ، މާތްﷲ ގެ ޙަޟުރަތަށް މީސްތަކުން ހާޒިރުކުރެވޭނޭ އަދި ހިސާބު ބައްލަވާ ދުވަސް ކަމަށް ބުންޏެވެ. އެއީ ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސް ކަމަށާއި ދުންޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި، ކުރެވޭން އޮތް ކޮންމެ ކަމެއް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ބައެއް އިންސާނުން އަދާވާތްތެރީންގެ ހަމަލާތަކާއި، މަރު އެތިފަހަރުތަކުން ސަލާމަތްވާން ގަދަފަދަ، ބިޔަ ކިއްލާތައް ހަދައިގެން ދިރިއުޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އެފަދަ ކިއްލާތަކުގައި ބިންގަރާސް ހަދައިގެން ވެސް ދިރިއުޅޭ ކަމަށެވެ. އެއީ، ރައްކާތެރިކަން ލިބޭނޭކަމަށް އުންމީދުކޮށްގެން ކަމަށް ބުންޏެވެ. ހުޅުމާލޭގެ މިސްކިތެއްގައި މީހުން ޚުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުހައްމަދު މާނިއު ނަމަވެސް، އެވަރަށް ގާޑުކޮށް ރައްކާތެރިކޮށްފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންކަމަށް ވިޔަސް ޖިފުޓިތަކުގައި ދިރިއުޅޭ މީހުންކަމަށް ވިޔަސް، މަރު އައިސް އެބައިމީހުންނާ ބައްދަލުކުރާ ހިނދު، ހެދޭނެ ހަމަ އެއް ގޮތެއް ވެސް ނޯންނާނެ ކަމަށް ބުނެ ޚުތުބާގައި ވިސްނައިދީފައިވެއެވެ. ޖެހޭނީ ދުނިޔެ ދޫކޮށް، އާޚިރަތަށް ދަތުރުކުރާށެވެ! ދުންޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ދެވިދާނެއެވެ. ނަމަވެސް އުޚްރަވީ ކަންކަން ރާވަން އެނގޭނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސައްހަ ޙަދީޘްތަކުގެ އަލީގައެވެ، ހުކުރު ޚުތުބާ ގިޔާމަތްދުވަހާ މެދު ކަންކަން ރާވައި، އެ ދުވަހަށް ތައްޔާރުވާން ޖެހޭނީ، މި ދެ އަސްލުގެ އަލީގައި ކަމަށާއި، މާތްﷲ ހަނދުމަކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ. މާތްﷲ ހަނދުމަކުރުމުގެ މާނައަކީ، ތިބާ އާޚިރަތްދުވަހުގެ ހަޔާތާ މެދު ފަރުވާތެރިވެ، ހެޔޮ އަމަލުކުރުންމަތީ އުމުރު ހޭދަކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ މަރު ހަނދާންކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ފުރާޅުތައް އުކައިލައި، ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނައިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ދުވަހާ މެދު، ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ އަމަލުތައް ކުރުން މަތީ ތިޔަބައިމީހުން ގާއިމުވެތިބުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ. މާތްﷲ އަށް ތަގުވާވެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއްކަން ހަނދާންކޮށްދީ ޚުތުބާގައި ގޮވައިލީ ދިންނަވައި ނަސީބު ލިބެނިވި މީހުންގެ ތެރޭގައި ވުމަށް ޓަކައި، މާތްﷲ ހަނދުމަކޮށް، އެ ކަލާނގެއަށް ތަގުވާވެރިވާންށެވެ. އެއީ ގިޔާމަތް ދުވަހުން ތަގުވާވެރީންނަށް ދެއްވާނޭކަމަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ ސަވާބާއި، ނިޢުމަތުން ފުރިގެންވާ ގޮވަތި ލިބުމަށްޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ