ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދާ ސުވާލު ކުރުމުގެ ފުރުސަތެއް އަދި ނުލިބޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވި، ސީނަށް އެޓެންޑްވި ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކި، އެ ފުރުސަތު ހޯދަމް މަސައްކަތް ކުރެވިފައިވާ ކަމަށެވެ."ނަމަވެސް، އަންހެން މީހާ [ޔުމްނު]ގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވޭ،" ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.އެނގިފައިވާ ގޮތުގައި މެލޭޝިއާގައި މި ވަގުތު ވެސް ދެ ފުލުހަކު ޔުމްނުއާ އެކު ގޮސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކީ ޑޮކްޓަރެކެވެ.ޔުމްނުއާ ހަވާލާދީ ދައްތަ ރޭ ބުނެފައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ."އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.ޔުމްނުގެ ދައްތަ ބުނީ ފެންޓެނޯއީގެ އަކީ ޔުމްނު ގޮސް އުޅޭ ގެއެއް ނޫން ކަމަށް ފުލުހުން ބުނާ ބުނުމަކީ ދޮގެއް ކަމަށާއި އެ ގެއަށް ދާ ކަމަށް ޔުމްނު ބުނި ކަމަށެވެ.މި މައްސަލައާ ގުޅިގެން ރައުދު ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. އިތުރު މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.މެލޭޝިއާގައި ޔުމްނުއަށް ފަރުވާ ދެމުން އަންނައިރު ޔުމްނުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި، އޭނާ ހޭ އަރާފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ