މި އަހަރުގެ ކުޑަކުދިން ދުވަސް ފާހަގަ ކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަ އޮތެވެ. އެހެންކަމުން މިއީ ކުދިންނަށް އުފަލުން ފުރިގެންވާ ދުވަހަކަށް ވާނެ އެވެ.
މި ބަލާލަނީ ސަރުކާރުން މާދަމާ ކުޑަކުދިން ދުވަސް ފާހަގަ ކުރުމަށް ރާވާފައިވާ ބައެއް ހަރަކާތްތަކަށެވެ.
މާލޭގެ މެދުގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުޑަކުދިން ދުވަހާ ގުޅުވައިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި މާލޭގެ ބައެއް ސްކޫލްތައް ގުޅިގެން ފެއާއެއް ކުރިއަށްގެންދާނެ އެވެ.
މާދަމާ ހަވީރު 4 އިން ފެށިގެން 6 އަށް ބާއްވާ މި ފެއާގައި އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ދަރުމަވަންތަ ސްކޫލް އަދި އަރަބިއްޔާ ސްކޫލުން ހަރަކާތްތައް ހިންގާނެ އެވެ. އޭގެ ތެރޭގައި ގޭމްތަކާއި ސްޓޭޖް ޕާފޯމަންސް، ކެންޓީން އަދި ސަގާފީ ކުޅިވަރުތައް ހިމެނެ އެވެ.
ތާޖުއްދީން ސްކޫލްގެ ފަރާތުން ރަސްފަންނުގައި ބާއްވާ ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ހެންވޭރު ދަނޑުގައި ވެސް މިފަދަ ހަވީރެއް މާދަމާ އޮންނާނެ އެވެ.
އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން 'ޔަންގް އޮންޓަޕްރެނުއާ ފެއާ'ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ފެއާއެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.
އެެޗްޑީސީގެ ފަރާތުން ބާއްވާ ފެމިލީ ކާނިވަލް މާދަމާ ދެ ތަނެއްގައި އޮންނާނެ އެވެ. އެއީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް އާއި ރުއްގަނޑު 3 ސަރަހައްދުގަ އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އެޗްޑީސީ ގުޅިގެން ބާއްވާ މި ފެއާގެ އެންމެ ހާއްސަ އެއް ކަމަކީ ރޮބޯމޭންގެ ޝޯއެކެވެ. އަދި މި ފެއާގައި އުރީދޫގެ ބައިވެރިވުން ހިމެނެ އެވެ.
މީގެ އިތުރުން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ ހަވީރެއް ކުރިއަށްދާނެ އެވެ.
ވިލިމާލޭގެ މުހްޔިއްދީން ސްކޫލްގައި ވެސް މާދަމާ ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ.
މިއީ މިފަހުން ކުޑަކުދިންގެ ދުވަސް މިހާ ބޮޑުކޮށް ފާހަަގަ ކުރާ ފުރަތަމަ ފަހަރެވެ.
މާދަމާ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން ކުލަގަދަކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ