މަސްތުވާތަކެތީގެ އެކި މައްސަލަތަކާއި ގުޅިގެން މިދިޔަ އަހަރު 10 މިލިއަނައަށްވުރެ ގިނަ ޖޫރިމަނާ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ކަމަށް އެ ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އަހަރު މަސްތުވާތަކެތީގެ ޖުމްލަ 137 މައްސަލާގައި ގޮތް ނިންމި ކަމަށެވެ.
އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން، ފަރުވާގެ ފުރުސަތު ދިނުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާ މުރާޖައާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާ، އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނޭކަމަށް ކޯޓުން ބުންޏެވެ.
ނިމިދިޔަ އަހަރު ކޯޓުން މައުޟޫއީ ގޮތުން ބަލާ ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ސާބިތުނުވާކަމަށް ހުކުމްކޮށްފައިވަނީ 7 މައްސަލާގައެވެ. އެހެންކަމުން ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތަކެއްކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ފާއިތުވި އަހަރު މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށް ސާބިތުވެ ޖުމްލަ 20 މީހަކު އުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 7 މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދި މި މައްސަލަތަކާއި ގުޅިގެން ދިހަ މިލިއަން ދެލައްކައަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަށް ދެއްކުމަށް ޝަރީއަތުން ހުކުމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މިދިޔަ އަހަރު 10 މިލިއަނައަށްވުރެ ގިނަ ޖޫރިމަނާ ފައިސާ ދެއްކުމަށް ކޯޓުން ހުކުމްކުރި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ