ފައިނަލްގެ ތައްޔާރީތައް ފެށިއިރު ޔަމާލާއި ޕޯރޯ އަށް ލުއިތަކެއް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 16) - ފީފާ ވޯލްޑް ކަޕް ފައިނަލަށް ތައްޔާރުވާން ސްޕެއިނުން ފެށިއިރު، އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރޯ ޕޯރޯ އާއި ލަމީން ޔަމާލަށް ލުއިތަކެއް ދީފި އެވެ. 
އެ ގޮތުން، އާދިއްތަ ދުވަހު ކުޅޭ މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ކުރިން، ސްޕެއިނުން ބޭއްވި ޓްރެއިނިންގެ ފުރަތަމަ ސެޝަނުގައި ޕޯރޯ އާއި ޔަމާލް އަށް ކުރިއަށްގެންދިޔައީ، އިންޑިވިޖުއަލް ވަކި ސެޝަންތަކެކެވެ. ޓީމުގެ އެހެން ކުޅުންތެރިންނާ އެކު، ޓްރެއިނިންގައި ޔަމާލް އާއި ޕޯރޯ ބައިވެރިނުވެ އެވެ. 
ޓްރެއިނިންގެ ތެެރެއިން މީޑިއާ އަށް ހާއްސަ ކޮށްފައިވާ ވަގުތުގައި، ޕޯރޯ އާއި ޔަމާލް ހުރީ އަނިޔާއެއްގައި ތޯ ސުވާލުކުރުމުން، ސްޕެއިންގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނީ، ގާތްގާތުގައި ވަރުގަދަ މެޗުތަކެއްގައި ގިނަ ވަގުތު ކުޅެން ޖެހުމުން، ސްޕެއިންގެ ކޯޗިން ސްޓާފުންގެ ލަފާގެ މަތިން، މި ޓްރެއިނިންގައި ޔަމާލާއި ޕޯރޯ އަށް ލުއިތަކެއް ދޭން ނިންމީ ކަމަށެވެ. 
"މިއީ ވެސް ހަމަ ޓްރެއިނިންގެ ބައެއް. ބައެއް ފަހަރު ޓްރެއިނިންގައި އަންނާނެ ވޯކްލޯޑް މެނޭޖުކުރުން. މިއީ، އަނިޔާއެއްގެ ސަބަބުން އަންނަ ކަމެއް ނޫން. މިއީ، ކުޅުންތެރިންގެ ހާލަތަށް ބަލައި ޓްރެއިނިންގެ ތާވަލުގެ ތެރެއިން ކުރާ ކަމެއް،" ޑެ ލަ ފުއެންޓޭ ބުންޏެވެ. 
ފުރަތަމަ މެޗުގައި ޔަމާލާއި ޕޯރޯ އަށް ސްޕެއިނުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް، އެ ދެ ކުޅުންތެރިން އަންނަނީ، ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި ހިސާބުން މޮޅު ކުޅުމެއް ދައްކައި މަގާމު ދަމަހައްޓަމުންނެވެ. އެ ގޮތުން، ސެމީ ފައިނަލުގައި ސްޕެއިނުން ފްރާންސް ކޮޅަށް ލީޑުނެގި ޕެނަލްޓީ ހޯދައިދިނީ ޔަމާލް އެވެ. އަދި، ދެ ވަނަ ހާފުގައި ޕޯރޯ ވަނީ ސްޕެއިނުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ފުލްބެކަށް ކުޅެމުން  މި ވޯލްޑް ކަަޕްގައި ޕޯރޯ ޖެހި ދެ ވަނަ ގޯލެވެ. 
ސޯޅަ އަހަރަށް ފަހު، ސްޕެއިނުން ވޯލްޑް ކަޕެއްގައި ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރަކީ މި އަހަރެވެ. މިއީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި، ސްޕެއިނުން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް ވޯލްޑް ކަޕް ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. ފައިނަލުގައި އާދިއްތަ ދުވަހުގެރޭ އާޖެންޓީނާއާ ދެކޮޅަށް ސްޕެއިނުން ކުޅޭއިރު، އެ ޓީމަށް ސެމީ ފައިނަލް މެޗަށް ފަހު، ފައިނަލާ ދެމެދު ތިން ދުވަހުގެ މުއްދަތެއް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ