ފައިނަލާ ހަމައަށް މިއަައީ ބަޔަލު ހިލޭދިން ފުރުސަތުތަކެއްގައެއް ނޫން: މެސީ

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 17) - ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ އިން ދަތުރުކުރީ ބުރަ މަސައްކަތްތަކެއް އެކުގައި ތިބެގެން ކޮށްގެން ކަމަށާއި މިއީ ބަޔަކު ހިލޭ ދިން ފުރުސަތުތަކެއްގައި ހާސިލްކުރި ކަމެއް ނޫން ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ. 
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި ފަހުން، ދެން، ވޯލްޑް ކަޕްގައި އާޖެންޓީނާ މެޗަކުން ބަލިވެފައިނުވެ އެވެ.
Enterprise Development Industrial Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އާޖެންްޓީނާ އިން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ނިސްބަތުން ބަލާއިރު މޮޅުވެފައިވަނީ އުނދަގުލުންނެވެ. އެ ގޮތުން، ގަދަ 32 ޓީމުގެ ބުރުގައި ކޭޕް ވާޑް އާއި ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން މޮޅުވިއިރު، ގަދަ 16 ބުރުގައި މިސްރު އަތުންނާއި ރޭ އިންގްލެންޑް އަތުން 90 މިނިޓް ތެރޭ ނަތީޖާ އަނބުރާލީ ފަހު ވަގުތު ލަނޑުތައް ޖަހައި ފަހަތުން އަރަ އެވެ. މިސްރު އަތުން 3-2 އިން މޮޅުވިއިރު، އިންގްލެންޑް އަތުން ސެމީ ފައިނަލުގައި މޮޅުވީ 2-1 އިންނެވެ. 
އުމުރުން 39 އަހަރުގެ މެސީ ވަނީ ސެމީ ފައިނަލް މެޗަށް ފަހު، އާޖެންޓީނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދީފަ އެވެ. 
އެ ގޮތުން، ފީފާ އިން އާޖެންޓީނާ އަށް ވަކި ގޮތެއް ހަދައިދޭ ކަަމަށް އިދިކޮޅު ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ވެސް މެސީ ޖަވާބުދިނެވެ. 
"މި ކަންކަން މިހެން ވާތީވެ ދެރަވެފައި ހުރެ އެ ބަަޔަކު ދައްކާނެ ވާހަކައެއް ދައްކަންވީ. އަހަރެމެން ދަނޑުމަތީގައި މި ސާބިތުކޮށްދިނީ އެއްވެސް ބަޔަކު އަހަރެމެންނަށް އެއްވެސް ކަމެއް ނުކޮށްދޭކަން. ހިލޭ ލިބުނު ފުރުސަތުތަކެއްގައެއް ނޫންކަން މި ހިސާބުގައި (ފައިނަލުގައި) މި ތިބީ،" މެސީ ބުންޏެވެ. 
"އަހަރެެމެންނާ މެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފެެއްދި. ވަރަށް ގިނަ ބަޔަކަށް ހީވި އަހަރެމެންނަށް މި ކަން ނުވާނެއޭ. އެކަމަކު، އަހަންނަށް އޮތް އިތުބާރަކީ، މި ޓީމު ވާދަކުރާނެއޭ. ޔަގީންކަން އޮތީ ސެމީ ފައިނަލާ ހަމައަށް އާދެވޭނެ ކަމުގެ. އެކަމަކު، މި ތިބީ ގަދަ ދޭއްގައި ހިމެނިގެން ފައިނަލުގައި،" 
މި ފަހަރުގެ ވޯލްޑް ކަޕްގައި އަށް ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން މެސީ އަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ބޮޑު ފުރުސަތު އޮތް ކުޅުންތެރިޔާ އެވެ. މެސީއާ އެންމެ ގާތުގައި އޮތް ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ، އަށް ގޯލުގެ އިތުރުން ތިން ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 
އަންނަ އާދިއްތަ ދުވަހުގެރޭ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ އެވެ. މި އަހަރުގެ މާޗް މަހު، އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރަން އޮތް ފައިނަލިސިމާ މެޗު ވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އެއީ، މެޗު ކުޅެން ހަމަޖެހިފައި އޮތީ ގަތަރުގައި ކަމަށްވާއިރު، އޭރު މެދުއިރުމަތީގައި ރައްކާތެރިކަމުގެ މާހައުލެއް ނެތުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ