ހަންކެޑެގައި ފަތުރުވެރިކަން ތަރައްޤީކުރަން ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި

އައްޑޫ ސިޓީގެ ހަންކެޑެގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް، "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުން ކަމަށެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އެ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް މި ކުންފުނީގެ މަޤްޞަދެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިޢުލާނުކުރިއެވެ. އޭރު މިނިސްޓްރީން ކުރި އިޢުލާނުގައިވާގޮތުން، ހަންކެޑެގައި ތަރައްޤީކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ. ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން މިދިޔަ އަހަރުގެ ޖޫން މަހު ސަރުކާރުން އިޢުލާނުކުރި ނަމަވެސް، ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި ސަރުކާރުތަކުން މީގެ ކުރިން ހަތަރު ކުންފުންޏަކާ ޙަވާލުކުރިއެވެ. އެންމެ ފުރަތަމަ، މީގެ 21 އަހަރު ކުރިން މި މަސައްކަތް ޙަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ، ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ނުނިންމުމުން ޖޫރިމަނާކޮށް، ސަރުކާރަށް ރަށް ނެގީއެވެ. އޭގެ ފަހުން، 2008 ވަނަ އަހަރު ހާފް ޑިގްރީ ކުންފުންޏާ ޙަވާލުކުރި ނަމަވެސް، އެކަންވެސް ވަނީ ނާކާމިޔާބުވެފައެވެ.
އޭގެފަހުން މި މަޝްރޫއު ޙަވާލުކުރީ ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕާއެވެ. އެ ކުންފުނިން 2014 ވަނަ އަހަރު ރިސޯޓު ހުޅުވާނެކަމަށް ބުނި ނަމަވެސް، އެ މަސައްކަތްވެސް ކުރިއަށް ގޮސްފައެއް ނުވެއެވެ. އަދި، މިދިޔަ ސަރުކާރުން މި މަޝްރޫޢު ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ޙަވާލުކުރިއެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ މި މަޝްރޫޢު އަލުން އިޢުލާންކޮށްފައެވެ. ނަމަވެސް މަސައްކަތް ފެށޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ