ދިވެހި މިއުޒިކް އިންޑަސްޓްރީގެ އެންމެ އަލިގަދަ އެއް ތަރި ކަމަށްވާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ގެ ކުއްލި ވަކިވުމުގެ ހިތާމައިގައި ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ހިތާމަ ފާޅުކުރަން ފަށައިފި އެވެ.
އުމުރުން 60 އަހަރުގައި މެޒޯ ނިޔާވިކަން އޭނާގެ އާއިލާއިން ވަނީ "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. އެ ހަބަރު މީހުންނަށް ލިބެން ފެށުމާއެކު އެތައް ބަޔަކު އަންނަނީ މެޒޯގެ ހިދުމަތްތައް ފާހަގޮށް ތައުޒިޔާ ކިޔަމުންނެވެ.
އޭގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސުންނާއި، ސިޔާސީ އިސް ފަރާތްތަކާއި، މިއުޒިކް އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަންނާނުންނާއި، ފަންނުވެރިން ހިމެނެ އެވެ. އެތައް ބަޔަކު އަންނަނީ މެޒޯގެ ލަވަތަކާއި، ވީޑިއޯތަކާއި އަދި ފޮޓޯތައް އެކި މަންސަތަކުގައި ހިއްސާކުރަމުންނެވެ.
"ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް" މެޒޯ މުހައްމަދު ދެއްކެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
މެޒޯ މުހައްމަދު ނުވަތަ ކްރީމް މުހައްމަދުއަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ހުނަރުވެރި މިއުޒީޝަނެއް ވެސްމެ އެވެ. އަދި ގިޓަރިސްޓެއްގެ އިތުރުން އޭނާއަކީ މޮޅު ޑްރަމަރެއް ވެސްމެ އެވެ. އުމުރުން އެންމެ 11 ވަރަކަށް އަހަރުގައި 1977، ގައި މިއުޒިކްގެ ތެރެއަށް ވަތްނ މުހައްމަދުގެ ނަމަކީ ރާއްޖޭގެ މިއުޒިކްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ނަމެކެވެ. އޭނާގެ އަޑަކީ ދިވެހި އެތައް ހިތެއްގައި އުމުރަށް ރައްކާ ކުރާނެ ފަދަ ހިތްގައިމު އަޑެކެވެ.
"މެޒޯ މުހައްމަދަކީ އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރިން ކުރެ އެކަކެވެ. އަޅުގަނޑުގެ އާންމު މަސައްކަތުގެ ބޮޑު ބައިވެރިއެކެވެ. ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެކެވެ،" މެޒޯގެ ގާތް އެކުވެރިޔެއް ކަމަށްްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި އެވެ.
އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާއޭ" އާއި "ޖިސްމު ނެތިގެން ގޮސް ހަފުސް" އަދި އުޑުންތަރިތައް" ފަދަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް ލަވައެއް ހިމެނެ އެވެ. އޭނާގެ ދިގު މިއުޒިކީ ހަޔާތުގައި ނެރެނު އަލްބަމްތަކުގެ ތެރޭގައި "ގުގުރި" އަލްބަމް އާއި "މާލި" އަލްބަމް ފަދަ އަމިއްލަ ރާގުގެ އަލްބަމްތައް ފާހަގަކޮށްލެވެ އެވެ.
"ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހުނަރުވެރި މިއުޒިޝަން މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަން. މެޒޯއަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މުހިންމު ބައިވެރިއެއް," އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ލިޔުއްވި އެވެ.
މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.
"އަޅުގަނޑުމެނާއި ވަކިވެ އެ ދިޔައީ ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެއް އަދި އެހާމެ ކުޅަދާނަ މިޔުޒިޝަނެެއް،" މިދިޔަ ސަރުކާރުގައި އާޓްސް މިނިސްޓަރަކަށް ހުންނެވި ޔުމްނާ މައުމޫން ލިޔުއްވި އެވެ.
މެޒޯގެ އާދަޔާ ހިލާފު މޮޅު ޅެންތަކާއި މެލޮޑީތަކުގެ ޖާދޫގައި ޖެހިފައިވާ އެތައް ސަޕޯޓަރުންނެއް ވެސް އަންނަނީ އޭނާގެ ކުއްލި ވަކިވުމުގެ ހިތާމަ ފާޅުކުރަމުންނެވެ.
މެޒޯގެ ކުއްލި ވަކިވުމުގެ ހިތާމައިގައި މުޅި ރާއްޖެ ކަރުނަ އަޅަނީ މެޒޯގެ ކުއްލި ވަކިވުމުގެ ހިތާމައިގައި މުޅި ރާއްޖެ ކަރުނަ އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ