ﷲ ތަޢާލާ މަތިވެރި ކުރައްވަވާފައިވާ ބޭކަލުންނާއި ބެހޭގޮތުންވެސް ޤަބޫލުކޮށްގެން ނުވާނެ ކަންކަން އެބަހުރި!: ޑރ. ޔާސިރު ޤާޟީ

ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކު މަތިވެރިކުރައްވަވަތެވެ. އަދި ނިކަމެތިވެސް ކުރައްވަވަތެވެ. ކޮންމެ މީހަކާއިމެދުގައިވެސް ވާހަކަދައްކަން ޖެހޭނީ ޙައްޤަށެވެ. އެބޭކަލަކީ ކިތަންމެ މަތިވެރި ބޭކަލެއް ނަމަވެސް ﷲ ތަޢާލާ އެބޭކަލަކަށް ނުދެއްވަވާ ދަރަޖައެއް ދެއްވެވި ކަމަށް ހެދުމެއް ނެތެވެ. އެއިރުން އެފެތުރެނީ ދޮގު ވާހަކަތަކެކެވެ. އެއީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަމެކެވެ.
ޚިޟްރުގެފާނާއި މޫސާގެފާނާއިބެހޭ ގޮތުން ބައެއް މީހުން އޮޅުވާލައިގެން ވާހަކަދައްކައެވެ. އެހެންކަމުން ބައެއް މީހުންނަށް އޮޅުންތައް އަރައެވެ.
ފުރަތަމަ ކަމަކީ ޙިޟްރުގެފާނަކީ އަވަހާރަވުމެއްނެތި ދާއިމަށް ދިރިހުންނަވާނެ ބޭކަލަކުކަމުގައި ޤަބޫލުކުރުމެވެ. މިއީ ވަރަށް ނުބައި ކުށްހީއެކެވެ. ފުރަތަމަ ތަމަކީ އެމީހަކަށް ކަޑައެޅިފައިވާ ވަގުތު ޖެހުމުން މަރުނުވާނެ އެކަކުވެސް ނުހުންނާނެކަމަށާއި ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ވަކި މުއްދަތަކަށްކަން ޤުރްއާނުން އެނގެން އޮތުމެވެ.
ދެވަނަ ކަމަކީ ތައުރާތުކިޔަވަން އިން މީހަކު ފެނިވަޑައިގަތުމުން "މޫސާގެފާނު ދުނިޔޭގައި ހުންނެވިނަމަ ވަޑައިގެން ތިމަން ރަސޫލާ ﷺ ގެ ރަސޫލްކަން ޤަބޫލުފުޅު ކުރައްވަވާނެ ކަމަށް ޙަދީޘްކުރައްވަވާފައި އޮތުމެވެ. މިޙަދީޘްފުޅުން އެނގިގެންދަނީ އެއިރު (އެޒަމާނުގައި) އެފަދަ މާތް، ﷲ ތައަލާއަށް އީމާންވެވަޑައިގެން ހުންނެވި އެއްވެސް ބޭކަލަކު ދުނިޔޭގައި ހުންނެވިނަމަ ރަސޫލާ ﷺ ގެ އަރިއަހަށް ވަޑައިގެން އިތުރުއެކަލޭގެފާނުގެ ރަސޫލްކަން ޤަބޫލުފުޅުކުރެއްވެވީސްކަމެވެ.
އެއްވެސް ޝައްކެއްނެތެވެ. ޙިޟްރުގެފާނަކީ ﷲ ތަޢާލާ ޚާއްޞަ ޢިލްމެއް ދެއްވެވި ބޭކަލެކެވެ. "ދެން (އެތަނުން) އެދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެތެރެއިން (ޚާއްޞަ) އަޅަކު ފެނިވަދައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވެވީމެވެ. އަދި އެބޭކަލަކަށް ތިމަން ރަސްކަލާނގެ ޙަޟްރަތުން ޚާއްޞަ ޢިލްމެއް އުނގަންނަވައި ދެއްވެވީމެވެ." (އަލްކަހްފި: 65)
ކޮންމެ ރަސޫލް ބޭކަލަކަށްވެސް ﷲ ތައާލާ ޚާއްޞަ ޢިލްމެއް އުނގަންނަވައިދެއްވެވިއެވެ. މޫސާގެފާނަށްވެސް އަދި ޢީސާގެފާނަށްވެސްމެއެވެ. އަދި ހުރިހާ ރަސޫލް ބޭކަލުންނަށްވެސްމެއެވެ. ވީމާ މޫސާގެފާނަށް ނުދެއްވަވާ ޢިލްމެއް އެހެން ބޭކަލަކަށް އުނގަންނަވައި ދެއްވެވުމަކީ މޫސާގެފާނުގެ ޤަދަރަށް އެއްވެސް އުނިކަމެއް ލިބޭނެ ކަމެއް ނޫނެވެ.
އެކަން މެދުވެރިވިގޮތަށް ބަލާށެވެ! "ދުނިޔޭގައި ހުރި އެންމެ ބޮޑަށް ކަންކަން އެނގޭ ޢިލްމްވެރިއަކީ ކާކުތޯ؟" މޫސާގެފާނާއި ސުވާލުކުރުމުން ވިސްނަވައިނުލައްވަވައި ޖަވާބު ދެއްވެވުނީ އެމީހަކީ ތިމަންކަލޭގެފާނުކަމެވެ. މިޖަވާބާއި ގުޅިގެން ވަގުތުން ޖިބްރީލްގެފާނު ފައިބާވަޑައިގެން "ކަލޭގެފާނަސް އެނގިވަޑައިނުގަންނަވާ ކަމުގެ ވާހަކަފުޅު ދައްކަވަނީ ކީއްވެތޯ؟" ސުވާލުކުރެއްވެވިއެވެ.
އަދި "ތިމަންކަލޭގެފާނަށްވުރެ ބޮޑު ޢިލްމުވެރިއަކީ ކާކުތޯ އާއި އެބޭކަލަކާއި ބައްދަލުވާނެ ތަނަކާއި ގޮތަކާއި ބައްދަލުރެއްވެވޭނެ ގޮތާއި ބައްދަލުކުރައްވަން ވަޑައިގަތުމުގެ ހުއްދައަށް" މޫސާގެފާނު އެދިވަޑައިގެންނެވިއެވެ. ޙިމްރުގެފާނާއި ބައްދަލުވެވަޑައިގަތީ ޖިބްރީލްގެފާނު ވިދާޅުވި ގޮތަށް ޢަމަލުކުރެއްވެވުމުންނެވެ. އެބައްދަލުކުރެއްވެވުމުގައި މެދުވެރިވި ކަންކަމާއި ކަންކަން ހިނގައިދިއަ ގޮތުގެ ވާހަކަތައް ޖަހްފި ސޫރަތުގައި އެވަނީ ބަޔާންކުރައްވަވައިފައެވެ.
ވީމާ ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން ނެތް ކަންކަމުގެ ވާހަކަތައް ޤަބޫލުނުކުރާށެވެ. ޙިޟްރުގެ ފާނަކީ ރަސޫލް ބޭކަލެކެވެ. ނަމަވެސް އެހެން އުންމަތަކަށް ފޮނުއްވެވުނު ރަސޫލްބޭކަލެކެވެ. ރަސޫލް ބޭކަލަކަށް ނުވާނަމަ ﷲ ތަޢާލާ ޢިލްމް އުނގަންނަވައެއް ނުދެއްވެވީހެވެ. މުޢާމަލާތެއް ނުކުރެއްވެވީހެވެ.
ވީމާ ތިމާމެންނަށް އެކަމެއްގައި ޔަޤީންކަމާއިއެކު ނުވާކަންކަމުގެ ވާހަކަތައް ނުދައްކާށެވެ! ރަސޫލްބޭކަލުންގެ މަތިވެރި ދަރަޖަފުޅަށް އިޙްތިރާމްކުރާށެވެ. މޫސާގެފާނަކީ ދަރަޖަ އުފުއްލެވިގެންވާ ރަސޫލްބޭކަލެކެވެ. ބާވައިލެއްވެވި 4 ފޮތުގެ ތެރެއިން ތައުރާތު ބާވައިލެއްވެވުނީ މޫސާގެފާނަށެވެ.
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/AllAboutIslamA/videos/825674791342313
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ