ތައިލެންޑްގެ ބޮޑުވަޒީރު އިސްތިއުފާއެއް ނުދެއްވާނެ: ޕާޓީ

ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ އިސްތިއުފާ ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް އުވާނުލައްވާނެ ކަމަށް ވެރިކަން ކުރާ ފީއު ތައި ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ތައިލެންޑުގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގައި ދިގު މުއްދަތަކަށް ސިޔާސީ ހަލަބޮލިކަން އުފެދިގެންދާނެ އެވެ.
ތައިލެންޑުގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ސޮރަވޮންގް ތިއެންތޮންގް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަވަށްޓެރި ކެމްބޯޑިއާއާ އެކު ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް ޑިމާންޑްތައް އިތުރުވަމުން ދިޔަ ނަމަވެސް ބޮޑުވަޒީރު އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
ގައުމަށް ކުރިމަތިވެފައިވާ އެކިއެކި ކާރިސާތަކުން އެންމެ ފުރިހަމައަށް ހައްލު ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ ވަރަށް ސާފުކޮށް އެ ބޭފުޅުންނަށް ދެއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރިއަށް ގެންދާނެ ކަމާއި އިސްތިއުފާ ނުދޭނެ ކަމާއި މަޖިލިސް އުވާނުލާނެކަން ކަށަވަރުކޮށްދެން،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ ދަރިކަނބަލުން ޕެޓޮންގްޓާން އާއި ކެމްބޯޑިއާގެ ބާރުގަދަ ކުރީގެ ލީޑަރު ހޫން ސެންއާ ދެމެދު ފޯނު ކޯލެއް ލީކްވުމާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ އޭނާއަށް އަމާޒުވެފަ އެވެ. އެ ފޯން ކޯލުގައި އޭނާ ވަނީ ތައިލެންޑުގެ އަސްކަރިއްޔާގެ އިސް އޮފިސަރަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ތައިލޭންޑްގެ ވެރިކަން ކުރާ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ބުމްޖައިތައީ ޕާޓީ ވަނީ އެ ކޯލިޝަނުން ވަކިވެފަ އެވެ.
ޕެޓޮންގްޓާން ވަނީ ހޫން ސެންއާ އެކު ދެއްކެވި ވާހަކަފުޅު ލީކްވުމުން މައާފަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ