ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފައިނޭންޝަލް ސެންޓަރާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން ސާފުކޮށްދޭން އެ ކޮމިޝަނުން ދެކޮޅު ހަދައިފި އެވެ.
ހުޅުމާލޭގައި ޓޫރިޒަމަށް ހާއްސަކުރި "އާބަން އައިލް" ނުވަތަ ފޭސް ތުރީގައި ތަރައްގީކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާއި ގުޅިގެން އަދަދު އިން ތަކުރާރުކޮށް އޭސީސީއަށް ގުޅައި މެސެޖުކުރި ނަމަވެސް، މިހާތަނަށް ވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް އެ ކޮމިޝަނުން ނުބުނެ އެވެ.
ފައިނޭންޝަލް ސެންޓަރު އެޅުމަށް އެގްރީމަންޓުގައި ސޮއިކޮށް، ބިންގާ އެޅި ނަމަވެސް މިހާތަނަށް އެ ބިިމާ ހަވާލުވުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ. މިކަމުގެ މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ދުވަހުގެ ފަހުން މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި ފައިނޭންޝަލް ސެންޓަރަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް މިއީ ސްކޭމްއެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އިސް މަގާމުތަކުގައިގައި ތިބި ބައެއް މީހުން ބުނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހުއްޓިފައި ވަނީ އެމްބީއެސް ގްލޯބަލް އިންވެސްޓުމެންޓުން ބަޖެޓު ސަޕޯޓަށް ދޭން ބުނި ފައިސާ ނުދިނުމުން ކަމަށެވެ.
އެމްބީއެސްއިން އެންމެ ފުރަތަމަ ހުށަހެޅީ ބަޖެޓު ސަޕޯޓަށް 250 މިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް އެ ފައިސާ ލިބުން ލަސްވަމުން ގޮސް، ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރު ދިނަސް މަޝްރޫއާގެން ކުރިއަށް ދާނެ ކަމަށް ބުނެފަ އެވެ. މިއަދާ ހަމައަށް އެމްބީއެސް މި ފައިސާ ވެސް ނުދެވޭ ކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރުތަކުން ބުންޏެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނިމޭނީ 2030 ވަނަ އަހަރެވެ. އެ ތަން ފެށުމާއެކު ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީ އިތުރުވެ، ފަސް ވަނަ އަހަރުގެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި މި މަޝްރޫއުގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެމްބީއެސް އަކީ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ގެންދެވޭވަރުގެ ބައެއް ނޫން ކަމަށާއި، ދުބާއީގައި ހަދާފައި ވެސް ހުރީ ކުޑަކުޑަ އޮފީހެއް ކަމަށެވެ. އަދި އެ ކުންފުންޏަށް މިފަދަ މަޝްރޫއުއެއް ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދޭނެ ކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.
"އެ މީހުން ހަމައެކަނި ޖުއްބާ ލައިގެން އަރަބިން ގޮތަށް ހެދިގެން އުޅެނީ. ސްކޭމެއްގައި ސަރުކާރު ޖެހުނީ ރަނގަޅަށް ކަންކަން ނުބެލުމުން،" ރާއްޖެއަށް އިންވެސްޓުމެންޓުތައް ގެނައުމުގައި ހަރަކާތްތެރިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ފައިނޭންޝަލް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. ތަނުގެ ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ފައިނޭންޝަލް ސެންޓަރަށް 780،000 އަކަ މީޓަރުގެ ބިމުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ.
އެތަން ބިނާ ކުރަނީ 6500 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އަދި ފައިނޭންޝަލް ސެންޓަރަށް ތަރައްގީ ކުރަނީ ދުވާލަކު 35،000 މީހުން އެތަނަށް ދާނެ ކަމަށް ބަލައިގެންނެވެ.
ފައިނޭންޝަލް ސެންޓަރު "ސްކޭމް" އާ ގުޅިގެން އޭސީސީގެ ބަހެއް ނެތް ފައިނޭންޝަލް ސެންޓަރު "ސްކޭމް" އާ ގުޅިގެން އޭސީސީގެ ބަހެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ