މުގައްރަރަށް ބަދަލު ގެނެސް ތައުލީމުގެ ފެންވަރު ރަނގަޅު ކުރަނީ

މި ފެށުނު ދިރާސީ އަހަރުގައި ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު ކަށަވަރުކޮށް, ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި މުހިންމު ކަންތައްތަކެއް ތަންފީޒު ކުރައްވާނެ ކަމަށް, އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 90,000 އަށް ވުރެން ގިނަ ދަރިވަރުންނާއެކުއެވެ. އެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް 11,000 އެއްހާ ޓީޗަރުން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރު ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ޓަކައި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. "ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޓަކައި އަޅުގަނޑުމެން ރާވާފައިވާ ބައެއް ކަންކަން ނިމިދިޔަ އަހަރު ފަށައިގެން ކުރިއަށް ގެންދާއިރު މި އަހަރުގެ ތެރޭގައި އިތުރު މުހިންމު ކަންތައްތައް ފެށިގެން ކުރިއަށް ދާނެ," މިނިސްޓަރު ވިދާޅުވިއެވެ. ކަންކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރު ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާނެ އެއް ކަމަކީ މާއްދާތަކުގެ މުގައްރަރު އަލުން މުރާޖާކޮށް ކޮންމެހެން ގެންނަން ޖެހޭނެ ބަދަލުތައް ގެނައުމާއި ދަރިވަރުންނަށް އުގަންނައިދެވޭ ކޮންޓެންޓުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. "ހަމަ އެހެންމެ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކީ ސްޓޭޖް ހަތަރެއްގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓް އެކުލަވާލުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ," މިނިސްޓަރު ވިދާޅުވިއެވެ. އެކި މަރުހަލާތަކުގައި ދަރިވަރުންގެ ފެންވަރު ހުރިގޮތް ދެނެގަތުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ "ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ)" މިހާރު ކުރިއަށް ގެންދަނީ ކީ ސްޓޭޖް އެކެއް އަދި ދޭއް މަރުހަލާގައެވެ. މިނިސްޓަރު ވިދާޅުވީ މި ފެށުނު ދިރާސީ އަހަރުގައި ކީ ސްޓޭޖު ތިނެއް ނިންމާ ދަރިވަރުންނަށް މި އެސެސްމަންޓް ދޭން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ފަށާ ތައުލީމު އުނގެނޭ ދަރިވަރުންގެ ފެންވަރު ބައިނަލްއަގުވާމީ ލެވަލްގައި ބެންޗު މާކު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ބިނާ ވެގެންވަނީ ޓީޗަރުންގެ އިލްމާއި ހުނަރުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ޒަމާނަށް އަންނަ ބަދަލުތަކާއެކު ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ, އެ ބަދަލުތަކަށް ރިއާޔަތް ކޮށްގެން އުގަންނައި ދިނުމަކީ ތަހުޒީބީ ޖީލެއް ބިނާ ކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. "ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން އުގަންނައި ދިނުމަށް ޓަކައި އުގަންނައި ދިނުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުން ދިއުމަށް އިލްތިމާސް ކުރަން," މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންގެ އުނގެނުމުގެ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތްގުޅުމެއް އޮންނަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން އިހުތިރާމާއެކު މުއާމަލާތުކޮށް މައުލޫމާތު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި ދަރިވަރުން ދިރާސީ އާ އަހަރާ ކުރިމަތިލާއިރު އާ އަޒުމަކާއި އާ ހިތްވަރަކާއެކު އުނގެނުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ. އިސްލާމް ދީނަށް ލޯބިކޮށް, މައިންބަފައިންނަށް ކިޔަމަންތެރިވުމާއެކު އުނގެނުމަށް ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހިފުމަށް ވެސް މިނިސްޓަރު ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ