ހަންކެޑެ ޓޫރިޒަމް ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބު ސާފުކުރަން މަޖިލީހުގެ ރައީސަށް ސިޓީއެއް

އައްޑޫ ސިޓީގެ ހަންކެޑެ، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށި ލަސްވާ ސަބަބު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުވައިފިއެވެ. މަޖިލީހުގެ ރައީސަށް އެ ސިޓީ ފޮނުވާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާނެވެ. ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ. އަޒާންގެ އެ ސިޓީގައި ވަނީ އައްޑޫ ސިޓީ، މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަމާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ. https://x.com/axanner/status/1910215203415081173 އެގޮތުން 2023 ވަނަ އަހަރު އެމްއެފްއެމްސީއާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު، މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ގައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އެ މަޝްރޫއު އިފްތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ. ނަމަވެސް އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ފާއިތުވެ ދިޔައިރު ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސްތައް ނެގުން ފިޔަވާ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކަކީ އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމެއް ކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީއަށް، އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށް އެ މައުލޫމާތު ސާފުކޮށްދެއްވައި، އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މަޖިލިސް ރައީސްގެ ކިބައިން އަޒާން ވަނީ އެދިވަޑައިގެންފައެވެ. ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ އައްޑޫގެ އިގްތިސާދަށް އާ ދިރުމެއް ގެންނާނެ މަޝްރޫއުއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މި މަޝްރޫއުއާއެކު އައްޑޫގައި އިތުރު ވަޒީފާތައް އުފެދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިދިޔުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ