އެއް ސަހަރެއްގައި ހަރުކަށި، ބުއްދި ގޯސް ރަސްކަލަކު އުޅުނެވެ. މި ރަސްގެފާނު ވެރިކަމަށް އިސްކުރެވުމުގެ ކުރިން ހުރި ރަސްކަލަކީ ހެޔޮލަފާ އަދި ރައްޔިތުންނަށް އޯގާތެރި ރަސްކަލަކު ކަމުގައިވިއެވެ. އެ ރަސްގެފާނު އަވަހާރަވީއިރު ރަސްކަން ވާރުތަކުރާނޭ މީހަކު ނެތެވެ. އެހެންވެ، ރަސްކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން މި ރަސްގެފާނަށް ރަސްކަން ދޭން ނިންމީ ބޮޑުންގެ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. އެކަމަށް މެދުވެރިވި ސަބަބުތަކަކީ މީނާގެ މަތީ ތައުލީމާއި، މޫނުފުޅުމަތިން ފެންނަ އަޅުވެރިކަމުގެ ނިޝާންތަކެވެ. މި ރަސްގެފާނު އެހައިތަނަށް ދިރިއުޅުއްވީ މަތީ ތައުލީމު ހާސިލުކުރެއްވުމުގެ ނަމުގައި އެ ސަހަރާ ދުރުގަ އެވެ. އެހެންވީތީ އެ ސަހަރާއި އެ ސަހަރުގެ ރައްޔިތުންނާމެދުވެސް މާ ހާއްސަ ލޯތްބެއް އޭނާގެ ހިތްޕުޅަކު ނެތެވެ. އެހެނެއްކަމަކު، އެ ސަހަރުގެ ރައްޔިތުންނާ އަޅާބަލާއިރު މާބޮޑަށްވެސް އިލްމުހުރި ތައުލީމުޔާފުތާއެއްކަމަށް ބޭރުފުށަށް ފެނެ އެވެ. ދީނީ އަޅުކަންތަކަށް ހާއްސަ ސަމާލުކަމެއްދޭތަން ފެނެ އެވެ.
ހަޔާތުގެ ބޮޑުބައި މެދުމިނުގެ ދިރިއުޅުމެއް އުޅެމުން މަތީ ފަންތީގެ ދިރިއުޅުމަކަށް އުއްމީދުކުރަމުން ގެންދިޔަ މި ރަސްގެފާނަށް ރަސްކަން ލިބިވަޑައިގަތުމުން ވެގެން ދިޔައީ މީހަކަށް ކުއްލި މުއްސަނދިކަމެއް ލިބުނީމާ ވާގޮތެވެ. މުއްސަނދިފުޅުކަމުގެ އުފާ ހޯއްދެވުމަށް ހުރިހައި ވަގުތެއް ހުސްކުރެއްވީ އެވެ. ފުރަތަމަ ދެ އަހަރެއްހައި ދުވަހު، ދޮގު ވައުދުތަކުން ރައްޔިތުން ލޮއްސޭތޯ ބަލަމުން ގެންދިޔަ އެވެ. އޭގެ ފަހުން، ރަސްކަމުގެ ތަހުތުގައި ރަނގަޅަށް ހަރުލައި، ހުރިހާ ދިމާލަކުން ކަށަވަރުކަން ލިބިވަޑައިގަތީމާ ހުންނެވީ ބޮޑުވަރިހަމައިގަ އެވެ. ހިތްތިރިކަމާއި ޒާހިދުކަމުގެ ފޭރާން ބާލުއްވައި ހަގީގީ ސިފަ ދައްކަވާން ފަށްޓަވައިފި އެވެ. ގާނޫނާއި، ހަމަހަމަކަމާއި މީހުންގެ ޝަރަފާއި އިއްޒަތާއި ކަރާމަތަކީ އޮތް އެއްޗެއް ނޫނެވެ. ރީތިކަމާއި، މޮޅާއި، ކަރާމާތުގެ ހައްގުވެރިޔަކީ ރަދުންނާއި ރަދުންގެ އާއިލާ އެވެ. އެ މުޖުތަމައުގައި ގަދައީ ވަގުންނެވެ. ނިކަމެތި ރައްޔިތުން ތިބެނީ މި ރަސްގެފާނުގެ ކިބައިން ސަލާމަތްވޭތޯ ދުއާކޮށްލަކޮށްލަ އެވެ.
އެއްދުވަހަކު އެ ސަހަރުގެ ވަގަކު، އޭނާގެ އާދައިގެ މަތިން ގެއަކުން ވައްކަން ކުރަން ވަންނަން މަސައްކަތްކުރި އެވެ. ގޭގެ ކުޑަދޮރުން އެތެރެއަށް ވަންނަންވެގެން ދޮރުގައި ހިފާލިތަނާ ކުޑަދޮރު ކަންޏެއް ނެއްޓި ކުޑަދޮރު ވެއްޓުނީ މީނާގެ ފައިމައްޗަށެވެ. ދޮރުކަނީގެ ތޫނު އަރިންޖެހި މީނާގެ ފައި ވަރަށް ބޮޑަށް ޒަހަމުވެއްޖެ އެވެ. އަނެއް ދުވަހަށް އިރުއެރުމާއެކު މީނާ މިސްރާބުޖެހީ ރަސްގެފާނުގެ ދަރުބާރަށެވެ. މީނާ ރަސްގެފާނުގެ ކުރިފުޅުމަތީގައި ބޯގުދުކޮށް ތައުރީފުގެ މަދަހަސަނާއަށްފަހު އަދަބު ތައުޒީމުގައި ހުރެގެން ދަންނަވަ އެވެ. މިރަށު މުދިންކަލޭގެ ގެއަށް ވައްކަން ކުރަން ވަންނަން އުޅެނިކޮށް އެގޭގެ ކުޑަދޮރު ނެއްޓިގެން ނިކަމެތި އަޅާގެ ފައިމައްޗަށް ވެއްޓި ފައި ޒަހަމުވެއްޖެ އެވެ. ފުރާނަ ސަލާމަތްވީ ނަސީބުންނެވެ. މިހެން މެދުވެރިމިވީ މުދިންކަލޭގެ ފަރުވާކުޑަކަމުގެ ސަބަބުންކަމަށްވާތީ އޭނާއަށް ހައްގު އަދަބު ދެއްވާށެވެ.
މުދިންކަލޭގެ ހާޒިރުކުރުމަށް ރަސްގެފާނު އަމުރުކުރެއްވުމާއެކު އޭނާ ހާޒިރު ކުރެވިއްޖެ އެވެ. ރަސްގެފާނު ވިދާޅުވި އެވެ. ކަލޭގެ ފަރުވާކުޑަކަމުގެ ސަބަބުން އިންސާނެއްގެ ފުރާނަ ނުގޮސް ސަލާމަތްވީ ކިރިޔާ އެވެ. އެހައި ފަރުވާކުޑަކޮށް، އިންސާނުންގެ ފުރާނައިގެ އަގަށް ފަރުވާލެއް ނުބަހައްޓައި ކުޑަދޮރު ހަރުކުރީތީ ކަލެއަށް ހައްގުވަނީ މަރުގެ އަދަބެވެ. މުދިންކަލޭގެ ރޮއިހޭރެމުން ބުންޏެވެ. ސާހިބާ އެވެ. ޝައްކެއްވެސް ނެތްގޮތުގައި ނިކަމެތި އަޅުގަނޑަކީ އެގޭގެ ވެރިޔާ އެވެ. އެހެންވިޔަސް އެ ކުޑަދޮރު ހަރުކުރީ އަހަރެން އެކަމަށް އުޖޫރަދީގެން އެ މަސައްކަތް ހަވާލުކުރި މޭސްތިރިއެކެވެ. އޭނާއަށް ބޭނުންވާނޭ ތަކެއްޗާއި، މަސައްކަތުގެ އުޖޫރަ ފުރިހަމައަށް ދިނީމެވެ. އެހެންވީމާ ތިޔަކަމުގައި މީހަކު ކުށްވެރިވާނަމަ އެމީހަކީ އެ މޭސްތިރިޔާ އެވެ.
ރަސްގެފާނުގެ އަމުރުފުޅަށް އެ މޭސްތިރިޔާ ދަރުބާރަށް ހާޒިރުކުރެވިއްޖެ އެވެ. އޭނާއަށް ކުރެވޭ ތުހުމަތު އިއްވައި، މަރުގެ އަދަބު ކަނޑައެޅުނުކަމަށް އެންގެވުމުން އޭނާ ބުނެ އެވެ. މާތް ރަސްގެފާނެވެ. ނިކަމެތި އަޅާ މަސަކަތްކުރަމުން ގެންދިޔައީ އިންތިހާއަށް ފަރުވާތެރިކަމާއެކުގަ އެވެ. ސަމާލުކަން އެނބުރިގެން ދިޔަ އެންމެ ހިނދުކޮޅެއް އައެވެ. އެ މަސައްކަތުގައި އިންދައި އެމަގުން ދިޔަ އަންހެން ކުއްޖަކަށް ބެލީމެވެ. އޭނާ ލައިގެން ހުރި ހެދުމަކީ ދުވަހަކު ނުފެންނަހައި ޗާލު ހެދުމެކެވެ. އެހެންވެ އެ ހެދުމުގެ ރީތިކަމަށް ތައުރީފުކުރުމަށް ހެދުމަށް ބަލާލެވުނު ވަގުތު ތިޔަ ގޯހެއް ހިނގީ އެވެ. އަޅާގެ ސަމާލުކަން ގެއްލުވާލީ އެ ރީތި ހެދުން ލައިގެން އައި އަންހެންކުއްޖާ އެވެ. އެހެންވީމާ ހަގީގީ ކުށްވެރިޔަކީ އެއީ އެވެ.
ރަސްގެފާނު ވިދާޅުބަސްފުޅު އިއްވުމާއެކު އެ އަންހެންކުއްޖާ ހާޒިރުކުރެވިއްޖެ އެވެ. ބުރުސޫރައާއި ބައްޓަންރީތި ކުއްޖެކެވެ. ރަސްގެފާނު ވިދާޅުވި އެވެ. ކަލޭގެ ރީތިކަން އެތައް ގުނައަކަށް އިތުރުވާނޭފަދަ ހެދުމެއް ލައިގެން ސަހަރުގެ މަގުތަކުގައި ހިނގައިބިގައިވެ އުޅޭއިރު އާންމު ރައްޔިތުންގެ ޖަޒުބާތުތަކަށް އިހުތިރާމު ނުބަހައްޓަނީ ހެއްޔެވެ؟ ކަލޭ ލައިގެން ހުރި ރީތި ހެދުމުގެ ސަބަބުން މޭސްތިރިޔާގެ މަސައްކަތަށް ބުރޫއަރައިފި އެވެ. އެކަމުގެ ސަބަބުން މުދިންކަލޭގެ ގޭގެ ކުޑަދޮރު ހަރުކުރެވުނީ ދެރަވަރުކޮށެވެ. އެކަމުގެ ސަބަބުން މި ވަގުކަލޭގެ ފުރާނަ ނުދިޔައީ ކިރިޔާ އެވެ. ކަލެއަށް މަރުގެ އަދަބު ހައްގެވެ. އަންހެންކުއްޖާ ކަރުނަ އަޅަމުން އޭނާގެ ލަތީފީ އަޑުން ބުނެ އެވެ. ނިކަމެތި އަޅު ލައިގެން ހުރި ހެދުމަކީ މިރަށު ފޭރާން ވިޔާ މީހާ ތައްޔާރުކޮށްދިން ހެދުމެކެވެ. ރަށު އެންމެންގެ ސަމާލުކަން ހުއްޓުނީ އެ ހެދުމަށެވެ. އަޅު، އެ ހެދުން ލައިގެން މިއުޅުނީ ފޭރާން ވިޔާ މީހާ އެ ހެދުން ވިޔެދިނީތީ އެވެ. އެހެންވީމާ، އަދަބުގެ ހައްގުވެރިޔަކީ އޭނާ އެވެ.
ފޭރާން ވިޔާ މީހާ ހާޒިރުކުރެވިއްޖެ އެވެ. ހަމަ ކުރިންވެސް ހިނގިމަގުން އޭނާއަށް ކަންކަން ސާފުކޮށްދީ އަދަބު އިއުލާނުކުރެވުމުން އޭނާ ބުނެ އެވެ. މާތް ރަސްގެފާނެވެ. ތިޔަ ފޭރާމުގައި އެއްވެސް މޮޅުކަމެއް ނެތެވެ. ތީ އެންމެ މޮޅު ފޮތީގެ ފޭރާމެކެވެ. އެ ފޭރާމުގައި ހުރި އިންސާނުންގެ ލޯތައް ތަރަތަރަޖަހާ ވަރުގެ ދިހުމެކެވެ. ތިޔަ މައްސަލައިގައި މީހަކު ކުށްވެރިވާނަމަ އެ މީހަކީ ތިޔަ ފޮތި ވިއްކި މީހާ އެވެ.
ފޮތި ވިއްކާމީހާ ހާޒިކުރެވިއްޖެ އެވެ. އޭނާގެ ކުށް އޭނާއަށް ކިޔައިދިނުމުން ބުނާނޭ އެއްޗެއް ނޭނގި ބަސްހުއްޓިފައި އޭނާ ހުއްޓެވެ. އޭނާ ބުންޏެވެ. މި ނިކަމެތި އަޅާ އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ފޮތި ވިއްކުމެވެ. އެ މީހަކު ބޭނުންވާ ކުލައެއްގެ ފޮތި ހޯދައި ވިއްކުމަކީ އަޅުގެ ވަޒީފާ އެވެ. މިއީ އެކަށީގެންވާ ދިފާއުއެއްކަމަށް ރަސްގެފާނަށް ފެނިވަޑައެއް ނުގަތެވެ. އެހެންވެ، މީނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ރަސްގެފާނު އަމުރުކުރައްވައިފި އެވެ.
އަދަބު ތަންފީޒުކުރަން އޮތީ ސަހަރުގެ އެންމެ ބޮޑު މައިދާނުގަ އެވެ. މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭތަން ބެލުމަކީ މި ރަސްގެފާނުގެ ހާއްސަ އުފާފުޅެކެވެ. އެހެންވެ ރަސްގެފާނުވެސް އެ މަޖިލީހުގައި އޭނާގެ އަރީސުންނާއެކު އިންނެވި އެވެ. އެ މަންޒަރު ދެކޭން ރައްޔިތުންގެ ކުދިބޮޑު އެންމެން ނުކުތުމަށް އަމުރުކުރެވިފައި އޮތީތީ ރަށުގައި ފައިއިނދޭފުރާގެ އެންމެން އެ މަޖިލީހުގައި ހާޒިރުވެ ތިއްބެވެ. އަދަބު ތަންފީޒުކުރަން ހަވާލުކުރެވުނު ޖައްލާދު ރަސްގެފާނަށް ދަންނަވަ އެވެ. މާތް ސާހިބާ އެވެ. އަދަބު ތަންފީޒު ކުރަންޖެހިފައި މިއޮތީ މާ އިސްކޮޅުން ދިގު މީހެއްގެ މައްޗަށެވެ. އޭނާގެ ކަރަށް މަޅި މަހާލާފައި ބެލިއިރު އޭނާގެ ދެފައި ރީތިކޮށް ބިމުގައި ޖެހެ އެވެ. ވާ އައްސާފައި އޮތް ހުރަސް ވަކަރު އެ އޮންނަނީ އޭނާގެ ބޮލާ ހިސާބުގަ އެވެ. އެހެންވީމާ އޭނާ ދަންޖައްސައިގެން މެރުމަކީ ވާނޭ ކަމެއް ނޫނެވެ.
ރަސްގެފާނު ވިދާޅުވި އެވެ. ތިޔަވަރުގެ ކުޑަކުޑަ މައްސަލައެއް ހައްލުކުރާނޭ ގޮތް ކަލޭމެންނަށް ނޭނގުނީ ހެއްޔެވެ؟ މި ސަހަރުގައި ދިރިއުޅޭނަމަ އުޅޭހައި ބަޔަކު މި މަޖިލީހުގައި އެ ތިބީ އެވެ. އޭގެ ތެރެއިން އެންމެ އިސްކޮޅުން ކުރު މީހާ ދަންޖައްސާށެވެ. ކުރެވޭނީ ވާން އޮތް ކަމެކެވެ. ނުވާނޭ ކަމެއް ކުރާން އުޅެނީ ކީއްކުރަންހެއްޔެވެ. ރަސްގެފާނުގެ ބަހަށް ޖައްލާދާއި އޭނާގެ އެހީތެރިން އައިސް އެއްވެފައިވާ މީހުންގެ ތެރެއިން އިސްކޮޅުން ކުރު މީހަކު ފާހަގަކޮށް، ގަދަބަދަވިކަމުން އޭނާ ޖަމާއަތާ ވަކިކޮށްގެން ގެންގޮސް ދަންޖައްސަން ތައްޔާރުކޮށްފި އެވެ. އެއީ މި ހިނގައިދިޔަ ހާދިސާއާ އެއްގޮތަކުންވެސް ގުޅުމެއް ހުރި މީހެއްވެސް ނޫނެވެ.
ރަށުގެ ހަރު މީހުންގެ ތެރެއިން މީހަކަށް މޮޅު ވިސްނުމެއް އައެވެ. މީނާ ކުރިއަށް ޖެހިލާފައި އެއްވެފައި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަތަކެއް ދައްކަމުން ގެންދިޔަ އެވެ. އޭގެ ފަހުން އަޑުގެ ކޮޅަށް ގޮވަ އެވެ. ތިޔަ މީހާގެ ބަދަލުގައި މި ނިކަމެތި އަޅާ ދަންޖައްސާށެވެ. އޭނާގެ ފަހަތުން، އެއްވެ ތިބި އެންމެން އެހެން ގޮވަން ފަށައިފި އެވެ. އެކަމާ ހައިރާންފުޅުވެ ރަސްގެފާނު ސުވާލުކުރުމުން، އުމުރުން ދުވަސްވީ މޫނުމަތި އަލި މީހާ ދަންނަވަ އެވެ. މާތް ރަސްގެފާނެވެ. މިރޭގެ ހަނދަށް ބައްލަވާށެވެ. އެ ދޭ ފުރިހަމަ ހަނދުވަރަކީ އާދައިގެ ކަމެއް ނޫނެވެ. އަޅާއަށް ލިބި ހުރި އިލްމުން ބަލާއިރު އެ ހަނދުގެ ވަށައިގެންވާ ހުރިހައި ތަރިއެއް ހެކި ދެނީ އެއް ކަމަކަށެވެ. އެއީ މިރެޔަކީ، އެ ރެޔަކާމެދު އަޅާގެ އުސްތާޒުން ހަބަރުދީފައިވާ ރޭ ކަމެވެ. މިއީ ކޮންމެ ދިހަހާސް އަހަރަކުން އެއްފަހަރު އަންނަ ރެޔެކެވެ. މިރޭ ދަންޖެއްސޭ މީހަކު މަރެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ދުނިޔެ އަބަދަށް މަރުނުވެ ދިރިއުޅުމުގެ ނަސީބު އޭނާއަށް މިންވަރުވާނެ އެވެ.
ރަސްގެފާނުގެ ލޯފުޅު ބޮޑުވެ އުފާފުޅުން ވިދާޅުވި އެވެ. ތިޔަ މީހާ ދަންޖެއްސުން މާދަމާރެޔަށް ފަސްކޮށްލާށެވެ. މިރޭ އަހުރެން ދަންޖައްސާށެވެ. ދުނިޔެ އަބަދަށް ދިރިއުޅުމުގެ ނިއުމަތް އިންސާނަކަށް ހައްގުވާނަމަ އެ ހައްގެއްގެ ވެރިޔަކީ އަހުރެންނެވެ. އަހުރެންނަކީ ތިޔަބައިމީހުންގެ ރަސްގެފާނެވެ. އެހެންވީމާ އަމުރު ތަންފީޒުކުރާށެވެ.
ރަސްގެފާނުގެ އަމުރުފުޅާ އެއްގޮތަށް ޖައްލާދު ހުރިހައި އިންތިޒާމެއް ހަމަޖައްސައިފި އެވެ. ނުހަނު އުފާފުޅުންހުރެ ރަސްގެފާނުގެ އަމިއްލަ އަތްޕުޅުން ކަރުފުޅަށް ދަންމަޅި މައްސަވައި ތައްޔާރުވެވަޑައިގަތެވެ. ރަސްގެފާނުގެ އިޝާރާތްޕުޅަށް ޖައްލާދު އަތުގައި އޮތް ވަލަށް ދަމައިގަތުމާއެކު ރަސްގެފާނުގެ ކަރުފުޅަށް ވާންވެ، އެ ވަލުގެ ބާރުގައި ހަށިކޮޅު މައްޗަށް އުފުލިއްޖެ އެވެ. އިރުކޮޅެއްގެ އަވަސް ހަރަކާތްތަކަށް ފަހު ހަށިކޮޅު އެއްކޮށް ހިމޭންވެއްޖެ އެވެ. އަނިޔާވެރި ރަސްގެފާނު ދަންޖައްސައި އަވަހާރަކޮށްލެވުނީ އެ ސަހަރުގެ ރައްޔިތުންގެ ކުރިމަތީގަ އެވެ. ރައްޔިތުންނަށް ބަލާ މުސީބަތަކަށްވެފައި އޮތް އަނިޔާވެރި ވެރިކަން ނިމުމަކަށް އައީ އެންމެ މީހެއްގެ ހިކުމަތުގެ ސަބަބުންނެވެ. ދުނިޔެއަށް ބޫތުކައިފައި ހުރި، އަދި އަނިޔާވެރިކަމަށް ލޯބިކުރި ރަސްގެފާނުގެ ނިމުން އައީ މިހައި ހިތިކޮށެވެ.
މޮޔަ ރަސްކަލެއްގެ ކިބައިން ގައުމު ސަލާމަތްވީ ގޮތް! މޮޔަ ރަސްކަލެއްގެ ކިބައިން ގައުމު ސަލާމަތްވީ ގޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ