ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހަމަހަމަކަމާއެކު ޢަދުލު އިންސާފު ލިބިދެވޭކަން ކަށަވަރުކުރުމަކީ އެކްޝަން ޕްލޭންގެ އެއް އަމާޒު!

ރަށު އަދި ޤައުމީ ފެންވަރުގައި ޤާނޫނުގެ މުހިންމުކަން ކުރިއެރުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން، އެންމެންނަށް ހަމަހަމަކަމާއެކު ޢަދުލު އިންސާފު ލިބިދެވޭކަން ކަށަވަރުކުރުމަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތުތަކުގެ އެއް އަމާޒެވެ.
މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޢަދުލު އިންސާފު ލިބިދިނުމުގެ ޙައްޤުތައް ކުރިއަރުވައި، ޤާނޫނީ އަދި ސިޔާސަތުގެ އޮނިގަނޑުތައް މުރާޖަޢާކޮށް، އެކުލަވާލައި އަދި ތަންފީޒުކުރުމަކީ މި ސިޔާސަތުގެ ތެރެއިން ހިމެނޭ އެއް އިސްތިރާޖު (ސްޓްރެޓެޖީ) އެވެ. އެއާއެކު، ޝަރީޢަތުގެ މަޖިލިސްތަކާއި، ޤާނޫނީ ލިޔެކިޔުންތަކާއި، އަދި ޝަރީޢަތުގެ މަރުޙަލާތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އެކްސެސިބަލްކޮށް ހުރިކަން ކަށަވަރުކުރުންވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ޝާމިލު އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ތަފާތުކުރުމެއް ނެތް ޤާނޫނުތަކާއި ސިޔާސަތުތައް ކުރިއަރުވައި ތަންފީޒުކުރުމަކީ މި ސިޔާސަތުގެ ދަށުން ހިމެނޭ ކަމެކެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އެހެންމީހުންނާ އެއް ހަމައެއްގައި ބައިވެރިވުމަށް އިޖުތިމާޢީ އަދި ޤާނޫނީގޮތުން ހުރި ގޮންޖެހުންތަކާއި، ހުރަސްތައް ދެނެގަތުންވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢަދުލު އިންސާފު ލިބިދިނުމާއެކު، ހަރުދަނާ، ޖަވާބުދާރީވަނިވި އަދި ޝާމިލު މުއައްސަސާތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ތެރޭގައި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ދެކޮޅަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާއާއި ހުއްޓުވުންވެސް ވެސް އެކުލެވިގެންވެއެވެ. އަދި އެފަދަ އަނިޔާ ހުއްޓުވުމަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ކެމްޕޭންތައް އެކުލަވާލައި ތަންފީޒުކުރުމަކީ މި ސިޔާތުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.
އެއާއެކު، ޤާނޫނު އަސާސީއާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެމަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަޢުލޫމާތު ލިބިދިނުމާއި އަސާސީ މިނިވަންކަން ކަށަވަރު ކޮށްދޭންޖެހޭނެކަމަށްވެސް އެން.އޭ.ޕީ.ޑީ.އައި ގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ޤާނޫނުތަކާއި، ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ޤާނޫނީ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލް ފޯމެޓްތަކުގައި ލިބެންހުރިކަން ކަށަވަރުކޮށްދޭންޖެހެއެވެ.
ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ ފެންވަރެއްގައިވެސް އިޖާބަދޭ، ޝާމިލު، ބައިވެރިވެވޭފަދަ، އަދި ތަމްސީލުކުރަނިވި ނިންމުންތައް ނިންމުމުގެ ޙައްޤު ލިބިދޭންޖެހޭކަމަށް ވެސް މިސިޔާސަތުގައި ބަޔާންކޮށްފައިވެއެވެ.
އަދި ނިންމުންތައް ނިންމާ ފެންވަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރެވޭނެފަދަ ނިޒާމުތައް ޤާއިމުކުރުމަށް މަސައްކަތްކުރުމަކީ ވެސް މި ސިޔާސަތުގެ ދަށުން ހިމެނޭ މުހިންމު އިސްތިރާޖެކެވެ.
މީގެ އިތުރުން، ހުރިހާ ގިންތިއެއްގެ މުއައްސަސާތައް އިތުރަށް ހަރުދަނާކޮށް، ޖަވާބުދާރީވާ، ހާމަކަން ބޮޑު، އަދި ވަކީން ޚާއްޞަކޮށް ހުރިހާ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތަކާ ހަމަޔަށް ވާސިލުވެވޭނެ ފަދަ ގޮތަކަށް އެފަދަ ތަންތަން ތަރައްޤީކުރުމަށް އިސްކަންދިނުންވެސް ނަޕްޑީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މުއައްސަސާތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖަވާބުދާރީވާ، އަދި އެމީހުންގެ ކަންބޮޑުވުންތަކަށް އަޅައިލާ ނިޒާމުތަކެއް ޤާއިމުކޮށްފައިވާ ތަންތަންކަން ކަށަވަރުކުރުމަކީ މި ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަދަނީ ބައިވެރިވުން ކަށަވަރުކުރުމަށް ނިޒާމުތައް ހިމެނުންވެސް މީގެތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ