ރައީސް މުހައްމަދު މުއިއްޒު މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ރައީސް އޮފީހުން ހަރަދުކުރީ 153،000ރ. ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް އިނގިރޭސިވިލާތަށް ދަތުރު ކުރެއްވީ މި މަހު 1 - 5 އަށެވެ. އެއީ އިނގިރޭސި ފުޓުބޯޅަ ކުލަބު ލިވަޕޫލް އާއި އެމްއެެމްޕީއާރުސީއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.
އެ ކެމްޕޭންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަނީ ލިވަޕޫލްގެ ދަނޑު، އެންފީލްޑުގަ އެވެ.
ތަފްސީލު - އެ ދަތުރަށް ހިނގި ހަރަދާއި ދަތުރުގެ ތަފްސީލު ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ، އެ އޮފީހުން މުޅި ދަތުރަށް ހަރަދުކުރީ 153،689.92ރ. ކަމަށެވެ. އެނގިފައިވާ ގޮތުގައި އެހާ ކުޑަ އެއްޗެއް ހަރަދުވީ އެ ދަތުރަށް ބައެއް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން ހަރަދު ކުރެއްވުމުންނެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްޗެއް ނުބުނެ އެވެ.
ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ފަސް ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ:
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ހަރަކާތް ފެށި މެޗު (އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރި މެޗު) ބައްލަވާލެއްވި
ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވައި، ދިވެހި ފުޓުބޯޅައިގައި ތަރައްގީ ކުރެވޭނެ ކަންކަމާއި އުންމީދީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި
ލިވަޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވި
'ފުޓްބޯލް ފޮ ޕީސް'ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ޔުނިވާސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޮ ޕީސްއިން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ހޯއްދެވި
ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީ އާއި ރާއްޖެއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި
ލީޑްސްގެ މޭޔަރާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލީޑްސްއާ ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި
ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޖްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން - ޔޫކޭއާ އަލުން ހަވާލުކުރެއްވި
އިނގިރޭސިވިލާތުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާ އެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅު ލައްކައެއްހާ ރުފިޔާ: ރައީސް އޮފިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ