ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ހަދައި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިގެން ވެރިކަމަށް އާދެވޭނެ ގޮތް ހަދަން މަސައްކަތް ކުރާ ނަމަ ރައީސް މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ވެރިކަން ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނާ މުލީއާގޭގައި ބައްދަލު ކުރައްވަ އެވެ. އެކަމަކު، އެގޮތަށް ބަދަލު ކުރުން ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް ޑރ. ދީދީ ވިދާޅުވި އެވެ.
"އިންތިހާބުގެ ދެ ވަނަ ބުރެއް ނުބާއްވައި، ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާ ވެސް، ކަނޑައެޅިގެން ގާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިގުރާތީ ނިޒާމާއި ހިލާފު ގައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ހިލާފެއް ނެތް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ނިޒާމު ފުނޑާލަން މަސައްކަތް ކުރުން ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ހިލާފުވާނެކަން ފާހަގަ ކުރައްވަމުން ޑރ. ދީދީ ވިދާޅުވީ އެއީ ރައީސް މުއިއްޒު އަޒުލު ކުރަންޖެހޭ ވަރުގެ ބޮޑު ކަމެއް ކަމަށެވެ.
"މިފަދަ ގައިރުދުސްތޫރީ އަމަލަކަށް އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފާޅުގައި ގޮވާލުމަކީ 'ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތަން' ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ހުރި ހުވަޔާއި ހިލާފުވުން. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ހ. ގެ 1. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަޒްލުކުރަންޖެހޭފަދަ އަމަލެއް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
"ދިރާސާ ކުރަމުންދާ ކަމެއް، އެޓަރނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ގައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފަރެންޝަލް ވޯޓިން ނިޒާމު. ދެވަނަ ބުރު އުވާލުން. ޕާސަނަލީ އަޅުގަނޑު ގަބޫލުކުރާގޮތް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރުމަކީ ރައީސް މުއިއްޒު އަޒުލް ކުރަންޖެހޭވަރުގެ ކަމެއް" "ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރުމަކީ ރައީސް މުއިއްޒު އަޒުލް ކުރަންޖެހޭވަރުގެ ކަމެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ