ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލަން ރައީސް ގޮވައިލުމަކީ އަޒުލުކުރަންޖެހޭ ފަދަ އަމަލެއް: ކުރީގެ އުއްތަމަފަނޑިޔާރު
ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާނެހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ގޮވައިލުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހުވަޔާ ޚިލާފުވުން ކަމަށާއި، އެއީ ގާނޫނުއަސާސީގެ ދަށުން އެމަނިކުފާނު އަޒުލުކުރެވޭނެ އަމަލެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހުގެ މެންދުރުފަހު މުލީއާގޭގައި ވަނީ މަޖިލިސް މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކު އެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރައްވާކަމަށް އެ ބައްދަލުވުމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. https://x.com/AABDULLADIDI/status/1912967242784121141 އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މުތުލަގު މެޖޯރިޓީއެއް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ނުލިބި، ރައީސުލްޖުމްޙޫރިއްޔާގެ މަގާމަށް ހޮވޭގޮތަށް މަގުފަހިކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު، ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ. "ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިންތިޚާބުގައި ބައިވެރިވެ ވޯޓު ދިން މީހުންގެ 50 އިންސައްތަ + 1 ވޯޓު، ނުވަތަ ވޯޓު ދިން މީހުންގެ މުތުލަގު މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ހާލަތުގައި، އިންތިޚާބުގެ ދެވަނަ ބުރެއް ނުބާއްވައި، ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލްޖުމްޙޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާވެސް، ކަނޑައެޅިގެން ގާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިގުރާތީ ނިޒާމާއި ޚިލާފު ޣައިރު ދުސްތޫރީ އަމަލެއްކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ،" އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ޣައިރު ދުސްތޫރީ އަމަލަކަށް އަރައިގަތުމަށް ރައީސުލްޖުމްޙޫރިއްޔާ ފާޅުގައި ގޮވައިލުމަކީ "ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތަން" އެމަނިކުފާނު ކުރައްވައިގެން ހުންނެވި ހުވަޔާއި ޚިލާފުވުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ރ. ހުޅުދުއްފާރަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް އަދި އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްޙޫރިއްޔާ އަޒުލުކުރަންޖެހޭ ފަދަ އަމަލެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ދެ އިންތިޚާބު އެކީ ބާއްވަން ހުށަހަޅުއްވާނެކަމަށް މިިދިޔަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު ރައީސް ވިދާޅުވިއެވެ. އެ ދުވަހު ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން އެ ގޮތަށް ނިންމައިފި ނަމަ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ހަމައެއާއެކު އިއްޔެ މުލިއާގޭގައި އޮތް ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާމެދު ވެސް ވާހަކަދައްކަވައިފައެވެ. ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ޚިޔާލުފުޅެވެ. https://sun.mv/204921 އެއާއެކު އިދިކޮޅުގެ އެމްޑީޕީގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވިއެވެ. އޭގެ ދުވަސްތަތަކަށްފަހު މި އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއިރު ލިބިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނެކަމުގެ ކަންބޮޑުވުން ކަމަށެވެ. އެހެންކަމުން އެ ކަންކަމަށް އަލިއަޅުވައިލައި، މި ނިޒާމު އިސްލާހު ކުރެވިދާނެ ގޮތެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް މަސައްކަތްކުރާ ގޮތަށް ކަނޑައެޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ