ތްރީޑީއެޗުން ފައިސާ ލިބުނު ކަމަށް މައުމޫނުގެ ބޭބެ އެއްބަސް، އެކަމަކު ބުނީ އެއީ އެކުވެރިޔަކު ދިން ފައިސާ ކަމަށް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުﷲ މައުމޫން (މާން) ހުންނެވި ދުވަސްވަރު، އެ ކުންފުނީގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗު އިންޓަނޭޝަނަލުން މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް އޭނާ މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.
ވީ ކިިހިނެއް؟ - މައުމޫނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއް ކުރަނީ ތްރީޑީއެޗާ އެކު ހިންގާފައިވާ ހަތް މުއާމަލާތެއްގެ މައްސަލާގަ އެވެ. އޭގެ ތެރެއިން އެއް ދައުވާގައި ހިމެނޭ މުއާމަލާތަކީ ހަމީދުގެ އެކައުންޓަށް ޖަމާކުރި ފައިސާ އެވެ.
ދައުލަތުން ކުރާ ހަތް ވަނަ ދައުވާގައި ބުނާ ގޮތުން، އެ މުއާމަލާތެއް ހިންގީ 8 އޮކްޓޯބަރު 2017ގަ އެވެ. އަބްދުﷲ މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ތަފްސީލް - އަހުމަދު ހަމީދު މިއަދު ކޯޓަށް ހެކިބަސް ދެމުން ބުނީ އެ އަދަދަށް އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ އޭނާގެ ދަރިފުޅު އިނގިރޭސިވިލާތުގައި ކިޔަވަން ބޭނުންވާ ޓިއުޝަން ފީއަށް ފައިސާ ހޯދަން މަސައްކަތް ކުރި ދުވަސްވަރު ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ފައިސާ ހޯދުމަށް ވާހަކަ ދެއްކީ އަބްދުﷲ މައުމޫނުގެ މަންމަ ކައިރީ ކަމަށް ބުންޏެވެ. އަބްދުﷲ މައުމޫނާ ދުވަހަކު ވެސް ވާހަކަ ނުދައްކާ ކަމަށް ވިދާޅުވި އެވެ. އޭނާ ހިމެނޭހެން ބައްޕަގެ އެެހެން ބައެއް ދަރިންނާ ވެސް ގުޅުން ކުޑަކަމަށް އަހުމަދު ހަމީދު ވިދާޅުވި އެވެ.
އެއީ އަބްދުﷲ މައުމޫނު ދިން ފައިސާއެއް ކަމަށް ކުރިން ހީކުރީ އޭނާގެ މަންމަ ކައިރީގައި ބުނެފައިވާތީ، ހަމީދުގެ ދޮންމަންމަ މެދުވެރިގެން ފޮނުވި ފައިސާއެއް ކަމަށް ހީކޮށް ކަމަށް ވިދާޅުވި އެވެ. ފަހުން އެނގުނީ އެއީ ހަމީދުގެ އެކުވެރި ލަންކާގެ ވިޔަފާރިވެރިޔަކު ފޮނުވި ފައިސާ ކަން ކަމަށް ޝަރީއަތުގައި ވިދާޅުވި އެވެ.
"އަބްދުﷲ މައުމޫނާ ވާހަކަ ދެއްކި ހަނދާނެއް ނެތް. މިކަން ހިނގިތާ ވެސް އެހާ ގިނަ ދުވަސްވެއްޖެ. އަޅުގަނޑަކަށް ހިއެއް ނުވޭ ދައްކާނެ ހެނެއް ވެސް. އަބްދުﷲ މައުމޫނާއި އެ އާއިލާއާ އެހާ ގުޅުމެއް ވެސް ނެތް. ލޭގެ ގުޅުން އޮތަސް ވަރަށް ދުރު،" އަހުމަދު ހަމީދު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ހައްވާ ނާހީ ޝަރީއަތުގައި ދެން ފާހަގަ ކުރެއްވީ އަހުމަދު ހަމީދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެއްވި ބަޔާނުގައި އަބްދުﷲ މައުމޫނާ ވާހަކަ ދައްކަވާފައިވާ ކަމާއި އެއް ލެޔެއް ކަމަށް ވާތީ ފައިސާ އަނބުރާ ނުދިނަސް އެންމެ ރަނގަޅު ވާނެ ކަމަށް އަބްދުﷲ މައުމޫން ވިދާޅުވި ކަމަށް އޮތް ކަމަށެވެ.
އަހުމަދު ހަމީދުގެ ސޮޔާއި އިނގިލީގެ ނިޝާން ވެސް އޮތް އެ ބަޔާނުގައި، ބަޔާން ދެއްވި އިރުގައި ދެއްކެވި ވާހަކަތަކާ ދިމާ އިދިކޮޅަށް ހެކިބަސް ދެއްވީތީ، އެއީ އެއްބާރުލުން ނުދޭ ހެއްކެއްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ފަހުން އަބްދުﷲ މައުމޫން ވެސް ޝަރީއަތުގައި ވިދާޅުވީ އަހުމަދު ހަމީދާ މާ ގާތް ގުޅުމެއް ނޯންނަ ކަމަށެވެ. ހަޔާތުގައި ދިމާވީ ވެސް ދެތިން ފަހަރަކު ކަމަށް ވިދާޅުވި އެވެ. އަދި އަހުމަދު ހަމީދުގެ އެކައުންޓަށް ތްރީޑީއެޗުން ފައިސާ ޖަމާވި ކަން އެނގުމުން ހައިރާން ވެސް ވި ކަމަށް ވިދާޅުވި އެވެ.
މި މައްސަލާގައި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިންމާލައިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުން ކަމަށެވެ.
އެނގުން މުހިންމު - އަބްދުﷲ މައުމޫނުގެ މައްޗަށް ކުރާ އަނެއް ހަ ދައުވާގައި ބަޔާންކުރާ މުއާމަލާތްތަކަކީ:
 ފުރަތަމަ މުއާމަލާތް ހިންގީ 7 އޭޕްރީލް 2016ގައި؛ އެ ދުވަހު އަބްދުﷲ މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތުކުރޭ
ދެވަނަ މުއާމަލާތް ހިންގީ 7 ޖޫން 2016ގައި؛ އޭނާގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 ޑޮލަރު، އޭނާއާ ގުޅުން ހުންނަ މޮން އާކް ނަމަކަށް ކިޔާ ކުންފުންޏެއްގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު
ތިންވަނަ މުއާމަލާތް ހިންގީ 1 އޮގަސްޓް 2016ގައި؛ އަބްދުﷲ މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް
ހަތަރުވަނަ މުއާމަލާތް ހިންގީ 9 އޭޕްރީލް 2017ގައި؛ އަބްދުﷲ މައުމޫނާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑްގެ އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވޭ
ފަސްވަނަ މުއާމަލާތް ހިންގީ 15 މެއި 2017ގައި؛ އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ
ހަވަނަ މުއާމަލާތް ހިންގީ 23 އޮގަސްޓް 2017ގައި؛ އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވޭ
މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ