މަދޫރީގެ ދަރިފުޅުގެ ރޯލަށް ތުރިޕްތީ

ފިލްމު "ބޫލް ބުލައްޔާ 3"އިން އެކީގައި ފެނުނު ފިލްމީ ތަރިން ކަމަށްވާ މަދޫރީއާއި ތުރިޕްތީ ދިމްރީ އަނެއްކާ ވެސް އެކީގައި ފިލްމަކަށް ސޮއިކޮށްފިއެވެ. ދެ ތަރިން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "މާ ބެހެން"އެވެ. މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތައް ކަމަށްވާ "ތުމާރީ ސުލޫ"އާއި "ޖަލްސާ" ގެނެސްދިން ޑައިރެކްޓަރު ސުރޭޝް ތުރިވޭނީގެ ފިލްމެކެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން "މާ ބެހެން" ފިލްމަކީ ނެޓްފްލިކްސްއާއި އަބުންދާތިއާ އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ކޮމެޑީ ޖޯންރާގެ ފިލްމެއް ކަމަށްވާ "މާ ބެހެން"ގައި ބަތަލާ ތުރިޕްތީ މިފަހަރު ފެންނާނީ މަދޫރީގެ ދަރިފުޅުގެ ރޯލުންނެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"ގައި ދެ ތަރިން އެކީގައި މާ ގިނަ މަންޒަރުތަކެއް ފެނިފައިނުވާއިރު މި ފިލްމަކީ މަދޫރީއާ އެކު މަސައްކަތްކޮށް ބަތަލާގެ ފަރާތުން ގިނަ ތަޖުރިބާތަކެއް ލިބި އެކްޓިންއާ ގުޅޭ ގިނަ ކަންކަން ދަސްކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ތުރިޕްތީ ވަނީ ބުނެފައެވެ. ތުރިޕްތީގެ ކުރިއަށް އޮތް ފިލްމު "ދަޅަކް2"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާ ޓައިމްސް އެކްޓަރު ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމު "އެނިމަލް"އިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޒުވާން ބަތަލާ ތުރިޕްތީއަކީ މި ވަގުތު ބޮލީވުޑްގެ ޒުވާން ފިލްމީ ތަރިންގެ ތެރޭ ހިމެނޭ އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާއެވެ. މި ފިލްމުން ލިބުނު މަގުބޫލުކަމާ އެކު ތުރިޕްތީއަށް ގިނަ ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ތުރިޕްތީގެ ތިން ފިލްމެއް ރިލީޒްވިއިރު މި ތިން ފިލްމަކީ ވެސް ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމު ކުންފުނިތަކުން އުފައްދާފައިވާ ފިލްމުތަކެވެ. އޭގެ ތެރޭގައި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ވެސް ހިމެނެއެވެ. ތުރިޕްތީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާ ފިލްމު "ދަޅަކް 2"އެވެ. މި ފިލްމުގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ