އެމްޑީޕީން މޭ ޑޭ ހިނގާލުމެއް ބާއްވަނީ

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް، މޭ ޑޭއާ ގުޅުވައި ހިނގާލުމެއް ބާއްވަން އިިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނިގޮތުގައި އެ ޕާޓީން ބާއްވާ މޭ ޑޭ ހިނގާލުން ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި އާޓިފިޝަލް ބީޗުންނެވެ.
އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އެ ހިނގާލުމުގައި މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލުމުގެ އިތުރުން މި ވަގުތު ރާއްޖޭގައި ހުރި ކަންބޮޑުވާ އެހެނިހެން ވެސް މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން އަޑުއުފުލާނެ ކަމަށެވެ. މިއީ އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު ޒުވާނެއްގެ ހައްގުގައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅަކަށްވާތީ އެ މައްސަލާގައި ވެސް މޭ ޑޭ ހިނގާލުމުގައި އަޑުއުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަސްމަންޒަރު - ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަަަތަމަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހު ރާއްޖޭގައި ވެސް މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި އިިދިކޮޅު ސިޔާސީ ޕާޓީތަކާއި އާންމުން ހިނގާލުންތައް ބާއްވަ އެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި މޭ ޑޭ ފުރަތަމަ ފާހަގަ ކުރަން ފަށައިފައިވަނީ 1886ވަނަ އަހަރު އެވެ. އެގޮތުން:
އެ އަހަރުގެ 1 މޭގައި އެމެރިކާގެ ސިނާއީ މަސައްކަތްތެރިންގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރި 
އެ މީހުން ގޮވައިލީ އެ ދުވަސްވަރު 10 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ދިގުމިނަކަށް މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުމުގެ ސަގާފަތް ނައްތާލާ، ރެޔަކާއި ދުވާލެއްގެ ތެރޭގައި މަސައްކަތުގައި އުޅޭން ޖެހޭ ވަގުތު އަށް ގަޑި އިރަށް ބަދަލު ކުރަން 
ޝިކާގޯގެ "ހޭމާކެޓް ސްކުއާ" ނަމަކަށް ކިޔާ މައިދާނެއްގައި ފެށި މި މުޒާހަރާ އެތައް ދުވަހަކަށް ދެމިގެން ދިޔަ އިރު ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވި
މި މުޒާހަރާގައި ހިނގާދިޔަ ކަންތައްތަކަށް ފަހު ތާރީހުގައި އެ ހާދިސާ ލިޔެވިގެން ދިޔައީ "ހޭމާކެޓް އެފެއާ"ގެ ނަމުގަ އެވެ. އަދި އެ ހާދިސާގެ ހަނދާނުގައި 1 މޭއަކީ މަސައްކަތްތެރިންނަށް ބަންދު ދުވަހަކަށް ހަދާން އިންޓަނޭޝަނަލް ސޯޝަލިސްޓް ކޮންފަރެންސުން ނިންމި އެވެ. އޭގެ ފަހުން 1 މޭގައި މަސައްކަތްތެރިންގެ އެއްވުންތަކާއި އަޑުއުފުލުމާއި މުޒާހަރާތައް ބާއްވަން ފެށީ އެވެ.
ފާހަގަކުރެވޭ - ރާއްޖޭގައި މި ދުވަސް ބައެއް އަހަރުތަކުގައި ފާހަގަކޮށްފައި ވަނީ ސިޔާސީ މުޒާހަރާތަކަކުންނެވެ. އެގޮތުން:
2006 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން މަނާ ދުވަސްވަރެއްގައި، މޭ ޑޭގެ އެއްވުމެއް ފުރަތަަމަ ފަހަރަށް ބޭއްވި 
އެ މުޒާހަރާ ވެސް ރޭވީ އެމްޑީޕީން
އޭގެ ފަހުން، ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު މޭ ޑޭ މުޒާހަރާ 2015ގައި ބޭއްވި
މިހާތަނަށް އެންމެ ގިނަ މީހުން އެއްވި އެ މުޒާހަރާ ބޭއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތައް ގުޅިގެން؛ އިސްކޮށް އޮތީ އާދަލަތު ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ