އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމުގައި ދަތިތަކެއް އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމުގައި ދަތިތަކެއް

މިދިޔަ ހުކުރު ދުވަހުގެ ފަތިހު އުސް އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތެއް ލިބުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިތުރު ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން އެނގިއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުމްނުއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ޔުމްނުގެ އާއިލާއިން ބޭނުންވަނީ އިތުރު ފަރުވާ ދިނުމަށް އޭނާ މެލޭޝިއާއަށް ގެންދިޔުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާއިން ޔުމްނު މެލޭޝިއާއަށް ގެންދަން ބޭނުންވަނީ އެ ގައުމުގައި އާއިލާގެ ބަޔަކު ދިރިއުޅޭތީ އެވެ. އޭނާގެ ބޭސްފަރުވާއަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.
މިކަމަށް އާސަންދަ އަދި އެންސްޕާ ހިމެނޭހެން ސަރުކާރުގެ އިދާރާތަކުގައި އާއިލާއިން ވަނީ އެދިފަ އެވެ. އެކަންކަން ހަމަޖެހުމާ ގާތަށް ގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ދަތިތަކެއް ކުރިމަތިވެފައިވަނީ ޔުމްނު މެލޭޝިއާއަށް ގެންދަން ކުރާ ދަތުރު ހަމަޖެއްސުމަށެވެ.
ފަސޭހައިން މިކަން ކުރުމަށް އާއިލާއިން ސަރުކާރުގައި އެދުނީ މި ފެށޭ ހަފުތާ މޯލްޑިވިއަނުން މެލޭޝިއާއަށް ކުރާ ޗާޓަރު ދަތުރުތަކުން ދަތުރެއްގައި ޔުމްނު ގެންދެވޭނެ ގޮތް ހަދައިދިނުމަށެވެ. ނަމަވެސް އެކަން ހަމަޖެހޭ ގޮތް ވެފައެއް ނުވެ އެވެ.
މި ފުލައިޓުތަކުން ޖާގަ ނުލިބޭ ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނަނީ މޯލްޑިވިއަނުން މި ދަތުރުކުރާ ވައިޑް ބޮޑީ އެއާކްރާފްޓުގައި ސްޓްރެޗާ ހަރުކުރުމުގެ ހުއްދަ މިހާތަނަށް ލިބިފައި ނެތުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ލައިސަންސަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.
އެކަން ނުވުމުން މޯލްޑިވިއަންގެ އިތުރު ބޯޓެއްގައި މެލޭޝިއާއަށް ގެންގޮސްދިނުމަށް އެދުމުންވެސް މިހާތަނަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު އެއާލައިނެއްގައި ނަމަވެސް ވީހާވެސް އަވަހަކަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށެވެ.
މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން ރޭ އިރާކޮޅު ފުލުހުން ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފެހެއްޓީ އިއްޔެ އެވެ.
ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މިއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ. މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފުލުހުންނަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފެށުމުންނެވެ.
މި ތަހުގީގުގެ ފޮރުވުންތައް ގިނަ ކަމާއި ފުލުހުން ދޮގު މައުލޫމާތު ދެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފުލުހުންނަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ