އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވައިފި

އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހުންނަންވާ ރީތި އާދަތައް އަށަގެންނެވުމާއި، ދިރުވުމާއި ކުރިއަށް ގެންދިޔުމަކީ އިލްމު ލިބިފައިވާ މީހުންނަށް އޮތް ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަކޮށްފިނަމަ އެކަމުގެ ސުވާލު ކުރެވޭނެ ކަމަށެވެ.
"މާތްﷲ އަޅުގަނޑުމެންނަށް އިލްމު ދެއްވެވީ އެ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް. އެ ހެޔޮގޮތުގައި ހިފުމަކީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން، ހިފަންޖެހޭނެ. ނުހިފައިފިއްޔާ އެކަމުގެ ސުވާލު ކުރެވޭ ދުވަހު ދެވޭނެ ޖަވާބެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކިޔެވި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށްދާއިރު އުޅޭ މާހައުލުގެ ކަންކަން އިސްލާމީ ރިވެތި އާދަކާދަތަކާއި އެއްގޮތަށް ހުރިތޯ ބެލުމާއި އަދި ބައްޓަން ކުރުމަކީ ލޯމަރާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފިކުރު އަށަގެންނެވުނު ދުވަހަކުން ނޫނީ މުޖުތަމައު ތެރޭގައި މުންކަރާތްތަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އިސްލާމީ ޔުނިވާސިޓީ ވަރުގަދަކުރުމަށްޓަކާ ވަރަށް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން އައިޔޫއެމް އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ 'ސަނާބިލް' އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހުޅުމާލެ އިން ބޮޑު ބިމެއް ހަމަޖައްސައިދީ އެ ޔުނިވާސިޓީގެ ކުރިމަގު ބައްޓަން ކުރެއްވުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
އަދި އެ ޔުނިވާސިޓީ އަށް ޖާގައިގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ކޮށްދޭންޖެހޭ ކަންކަން އުފަލާއެކު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ