ބަންކަރިންގެ ޚިދުމަތް ފުޅާކުރުމަށް އުތުރުގައި ޚާއްޞަ ޕޯޓެއް ދަނީ ތަރައްޤީކުރަމުން: މިނިސްޓަރ ސަޢީދު

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި އެކަމަށް ޚާއްޞަ ޕޯޓެއް ތަރައްޤީކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.ބަންކަރިންގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން ވަޒީރު ސަޢީދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި ޚިދުމަތް މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ޚާއްޞަ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ."އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައި މިވަނީ، ޕޯޓެއް ނެތި ފެށީވެސް މިކަން އަވަހަށް ފެށުމަށް. އުތުރުގައި ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާ އެކު ކުރެވެމުން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.މި ޚިދުމަތް ދެމުންދަނީ އެސްޓީއޯއިން ކަމަށާއި، މި ޚިދުމަތުން ލިބެމުންދާ އާމްދަނީގެ ތަފްޞީލްތައް އެނގޭނީ އެ ކުންފުންޏަށް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. ނަމަވެސް، ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، އިންޓަރނޭޝަނަލް ބަންކަރިންގއާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.މި ތަރައްޤީތަކާއެކު، ރާއްޖޭގެ ބަންކަރިންގ ދާއިރާ އިތުރަށް ކުރިއަރައި، ޤައުމީ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އުއްމީދުކުރެވެއެވެ. އުތުރުގައި ތަރައްޤީކުރެވޭ ޚާއްޞަ ޕޯޓުން މި ޚިދުމަތް އިތުރަށް ފުޅާވެ، ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ