މާޅެންދޫ އެފްޓީ އަދި މަނަދޫ އެސްސީ ބައްދަލުކުރި މެޗް މާޅެންދޫ އިން ކާމިޔާބުކޮށްފި!

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ގްރޫޕް ބީގެ ދެވަނަ މެޗު މިރޭ ކުޅެފިއެވެ. މި މެޗްގައި ވާދަކޮށްފައި ވަނީ މާޅެންދޫ އެފްޓީ އަދި މަނަދޫ އެސްސީއެވެ. މެޗް ފެށިގެން ފުރަތަމަ ހާފްގެ އަށްވަނަ މިނެޓްގައި މާޅެންދޫ އެފްޓީން ވަނީ ގޯލެއް ކާމިޔަބުކޮށް ލީޑް ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމް ގެ ޖާޒީ ނަންބަރު 14 ޒައިން ޒަފަރުއެވެ. ފުރަތަމަ ހާފް ނިމުނު އިރު މަނަދޫއަށް އެއްވެސް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބިފައެވެ. މި ނަތީޖާއާއެކު ދެވަނަ ހާފު ފެށިގެން ދިޔައިރު، ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ވަނީ ދައްކާފައެވެ. އަދި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. މެޗް ނިމުނު އިރުވެސް މަނަދޫއަށް ގޯލެއް ޖެހޭގޮތެއް ނުވިއެވެ. އަދި މާޅެންދޫއަށް ލީޑު ފުޅާ ކުރެވޭ ގޮތެއް ވެސް ނުވިއެވެ. މި މެޗް ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޅެންދޫ އެފްޓީގެ ޖާޒީ ނަންބަރ 8 އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ. މި މުބާރާތުގެ ފަސްވަނަ މެޗް މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ވާދަކުރާނީ ގްރޫޕް އޭގެ ދެ ޓީމް ކަމުގައިވާ ވެލިދޫ އެސްސީ އަދި ކޮމެޓްސް އެސްސީއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް އެސްއެސް ޓީވީގެ ފޭސްބުކް އަދި ޔޫޓިއުބް އިން ލައިވްކުރާނެވެ. ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕަކީ ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާތާ ހަތަރުވަނަ އަހަރެއެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ ޖުމްލަ އަށް ޓީމް ވާދަކުރެއެވެ. އަދި ނިމިދިޔަ އަހަރެކޭއި އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންނެއް ހިމެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ