ހިޔާވަހި ފައިނޭންސިން ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތަށް ހަދަން ނިންމައިފި

ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި' ލޯނަށް ހުށަހަޅާއިރު، މާލޭ ސިޓީ ކައުންސިލުން ފާސްކުރާ ކުރެހުން ނެތަސް، އެ ސްކީމުގެ ދަށުން ލޯނަށް ކުރިމަތިލެވޭގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވީ، އެސްކީމަށް ހުށަހެޅުމުގައި ފާސްކޮށްފައިވާ ކުރެހުމެއް ހުށަހަޅަން ކަނޑައަޅާފައި ވަނީ ބޭންކުތަކުން އެ ކުރެހުން ބޭނުންވާތީ ކަމަށެވެ.ނަމަވެސް، އެ ސްކީމަށް ހުށަހަޅަން ބޭނުންވާ މީހުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ގިނަ ވަގުތު ބޭނުންވާތީ ކައުންސިލްގެ ކުރެހުން ނެތަސް އިންޖިނިއަރާއި އާކިޓެކްޓް ސްޓޭމްޕުކޮށްފައިވާ ކުރެހުމަކާއެކު ލޯނަށް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ."އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ،" މުއްތޮލިބު ވިދާޅުވި އެވެ.ލޯނުގެ ތަފުސީލް:• ލޯނު ދޭނީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި.• ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ.• ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް.• ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ.އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި މަސައްކަތް ކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީ އިންނެވެ.އެ މަނިކުފާނު ވިދާޅުވީ އެއް ބިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އަހަރު ތެރޭ ދޫކުރެވޭނެ ކަމަށެވެ.މި ލޯނަސް ކުރިމަތިލާން ހުޅުވާލަފައިވަ އިރު، ފުރުސަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ