ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ތަފާތުކުރުން އިތުރުވެފައިވާކަމަށް ޕެންޝަން އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި
ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ތަފާތުކުރުން ބޮޑުވެފައިވާ ނިޒާމެއް އުފެދިފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނުގެ ދަށުން ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް އުފައްދާފައިވާއިރު، އޭގެ ބޭރުން ކޮންޓްރިބިއުޝަނަކާ ނުލައި ދޭ ޑިފައިންޑް ބެނިފިޓްގެ ސަބަބުން، އެ ގާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ ކަމަށެވެ."މިހާރު ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ތަފާތުކުރުން ބޮޑުވެފައިވާ ނިޒާމެއް އުފެދިފައިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" ސުޖާތާ ވިދާޅުވިއެވެ.ޕެންޝަން ގާނޫނަށް ބަދަލު ގެންނައިރު ވަޒީފާއިން މުސްކުޅިކުރަން މަޖުބޫރުވާ އުމުރު 65 އަހަރަށް ވުރެ މަތިކުރުމާއި، އަގުތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް ޕެންޝަނަށް ލިބޭ އަދަދު ވެސް ބޮޑުވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސުޖާތާ ވިދާޅުވިއެވެ.އިތުރަށް ވާހަކަފުޅު ދައްކަވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަނާ ގުޅުންހުރި މައްސަލަތައް ހައްލު ކުރާއިރު މިހާރު އެކި ފަރާތްތަކަށް ލިބޭ އެއްޗެއް މަދުނުވާނެހެން ހައްލު ހޯދަންޖެހޭ ކަމަށެވެ."މިހާރުގެ އެކްސްޕެކްޓޭޝަންވެސް ކޮންމެވެސް ވަރަކަށް މީޓް ކުރެވޭ މިޑްލް ގްރައުންޑެއްގައި އަޅުގަނޑުމެން އެޓްލީސްޓް މަސައްކަތް ކުރުން ވަރަށް މުހިންމު. އެބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓުން ނޫނިއްޔާމުން އެ އެކްސްޕެކްޓޭޝަނަށްވުރެ މާ މަދުވެގެންދިއުމަކީ އެހާ އެދެވޭގޮތަކަށް ނުވާނެ ރީފޯމެއް ގެންނައިރަކު،" ސުޖާތާ ވިދާޅުވިއެވެ.ޕެންޝަން ނިޒާމަށް އިސްލާހު ގެންނައިރު، ކަޓް އޮފް ޑޭޓެއް ކަނޑައެޅުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމަށްވެސް ސުޖާތާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ