ސިފައިންނަށް ލިބޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ މީހުން ފަހުރުވެރިވާނެ: ރައީސް
ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަޚުރުވެރިވާން ވާނޭކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު ރަނގަޅުކޮށް، ވަސީލަތްތައް އިތުރުކޮށް ވަރުގަދަ ކުރުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ އެންމެން ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."ސިފައިންގެ އެކިއެކި ތަކެތި ހޯދައިދިނީމާ އެކަމާ ލަދުގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު އެބަޖެހޭ ސުވާލު ކޮށްލަން ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ؟ ތިމަންނަ އަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއްތޯ؟ މި ގައުމަށް އުފަންވި މައް ދިވެއްސެއް ވިއްޔާ ގައުމީ ލޯބި ހުންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ."ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ޖެހޭނެ ދިވެހި ފަހުރުވެރި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް. މިއީ ގައުމީ ވާހަކައެއް."ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ ހިދުމަތް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަން އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.ގައުމީ ދިފާއީ ބާރު ހިމާޔަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތަަކީ ގައުމުގެ ހިމަޔަތާއި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.މިސައިލް ފޮނުވުމުގެ ގާބިލުކަންހުރި މަނަވަރެއް (މިސައިލް ބޯޓެއް) ދިވެހި ސިފައިންގެ ޚިދުމަތަށް ތައާރަފު ކުރަން ނިންމާފައި ވާކަން މިފަހުން އެމްއެންޑީއެފުން ވަނީ އިއުލާނުކޮށްފައެވެ. މިއީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ތުރުކީން ހަދިޔާކުރާ ބޯޓެކެވެ.އެ މަނިކުފާނު ވިދާޅުވީ، އެ ކަންކަން ނުވެ އޮތުމަކީ ދިވެހިންގެ ހިތުގައި ސުވާލުތަކެއް އުފެދެންޖެހޭ އަދި އެ އަަށް ޖަވާބު ހޯދަން ޖެހޭ ކަމަށެވެ.ރައީސް ވިދާޅުވީ ރާއްޖެއަކީ އާބާދީ އާއި ބިމުގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، ސަރަަހައްދީ ގޮތުން ބޮޑު ގައުމެއް ކަމަށެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި ސަލާމަތަށް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށާއި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ސިފައިންގެ ތާއިދާއި އެއްބާރުލުމާ އެކު ކުރިއަށް ދާނެ ކަމަށާއި ސިފައިންގެ ލަޝްކަރަށް އިތުރު ކާމިޔާބީތައް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށެވެ.މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ