އިދިކޮޅުން ވެރިކަމަށް އައިސް، މި ސަރުކާރުން ދީފައިވާ ގޯތިތައް އަތުނުލާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އެކަމަށް އިތުބާރުކުރެވެން ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މާލޭގެ ރައްޔިތުންނަށް 40 އަހަރުފަހުން ގޯތި ދޫކުރަން ފެށީ މި ސަރުކާރުން ކަމަށެވެ. އަދި މީގެ ކުރިން ދެއްކީ ހަމައެކަނި ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު މާލޭގެ ރައްޔިތުންނަށް ވަނީ ގޯތި ދޭންް ފެށިފައި. މިރޭވެސް ޔަގީންކޮށް މި އަރުވަނީ ފަހެއް ނޮވެމްބަރަށް ހުރިހާ ގޯތިތަކެއްގެ އިން ވަކިކޮށް، ބިން ކަނޑައި ރަޖިސްޓަރީ ހަވާލުކޮށްދޭނަން. އެ ތަންތަން އިމާރާތްކުރެވޭ ގޮތް ވެސް ހަދާނީ އަޅުގަނޑުމެން. ލޯނު ހޯދައިދީ، ހައުސިން ބޭންކުގެ ތެރެއިން އެ ފައިސާ ލިބޭގޮތް ހަދައިދޭނަން. ވާދަވެރި ކެންޑިޑޭޓް ތަކުރާރުކޮށް ތިމަންނަމެން އަޔަސް އެ ގޯތިތައް ނުނަގާނަމޭ ވިދާޅުވަމުންދޭ. ކިހިނެއްތޯ އެކަން ގަބޫލުކުރާނީ. އެބޭފުޅުން ގުޅިފަޅުން މީހުން ބާލައި، އަނބުރާ ފައިސާ ވެސް ދައްކާފައެއް ނުވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުޅިފަޅުން ފުލެޓު ފުލެޓު ދޭން ނިންމާފައިވަނިކޮށް، ކުރީ ސަރުކާރުން އެތަނުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ބަދަލު ދީފައިނުވާ ކަމަށާއި އެ ބަދަލު ދޭން ޖެހުނީ ވެސް މި ސަރުކާރުން ކަމަށެވެ. އަދި އެގޮތަށް ސީލައިފް މައްސަލަ އާއި ދަ ގާޑަން މައްސަލަ އާއި ކޭ ޕާކްގެ މައްސަލައިގެ އިތުރުން ގާކޮއްޓާއި އަރަބިއްޔާ ފުލެޓުތަކުގެ މައްސަލަ ވެސް އައިސްފައިވަނީ ކުރީގެ ސަރުކާރުގައި ކަންތައް ކުރި ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަންނަނީ މި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދެމުން. ވެރިކަމަށް އައުމަށްފަހުގައި، އެ ދެއްކި އެޑްވާންސް ފައިސާ ދެއްކުމަށްފަހު، ފުލެޓު ލިބޭނެ ގޮތް މިދަނީ ހަދައިދެމުން. ޖާހް ގާޑަނަށް އެޑްވާންސަށް ފައިސާ ދައްކައި، ފުލެޓު ލިބުނު ފަރާތްތަކަށް ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި އާބަންކޯ އިން އެ މަސައްކަތް ނިންމައި ހަވާލުކޮށްދޭނަން. ކޭ ޕާކްގެ މައްސަލައިގައި ފައިސާ ނަގާފައި އެބަހުރި. އެމީހުންނަށް ވެސް ގޮތެއް ހޯދައިދޭނަން. ޝަރީއަތަށް ގޮސް، އަނބުރާ ފައިސާ ލިބޭގޮތް ވެސް ހަދައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަރަބިއްޔާ އާއި ގާކޮށީގެ ފުލެޓުތައް ކުޑަ އަގެއްގައި ދިނުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ނިންމާފައިވަނިކޮށް، އެ އަގުތައް ބޮޑުކޮށްފައިވަނީ މިދިޔަ ސަރުކާރުން ކަމަށާއި މި ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނީ މި ސަރުކާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅުން ވެރިކަމަށް އައިސް ގޯތިތައް އަތުނުލާމަނޭ ބުނާ ބަހަށް އިތުބާރެއް ނުކުރެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ