ހިންނަވަރު ސިއްހީ މަރުކަޒުގެ މަސައްކަތް މެމްބަރު ސައުދުﷲގެ ކުންފުނިން ވަކިކޮށްފި

ޅ. ހިންނަވަރު ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އިތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ އަތުން ނަގައިފި އެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ސޮއިކުރައްވައި ސައުދުﷲ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ސްވިފްޓާ ހަވާލުކުރި އެ މަސައްކަތް މިވަގުތައް ހުއްޓާލުނަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ މަސައްކަތް ހުއްޓާލުމަށް އަންގާ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ މަޝްރޫއު ހުއްޓާލުމަށް އެންގެވީ، "ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ބައެއް މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީ އިން އަނަގާފައިވާތީ" ކަމަށެވެ. ހިންނަވަރު ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ސައުދުﷲގެ ކުންފުނިން އަތުލައިގެންފައި މިވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ އޭނާ ގުޅިވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމާ ބެހޭ ގޮތުން ސައުދުﷲގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ