ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 29) - އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ އަރަބިއްޔާ އިން ނެރުނު ދަށް ނަތީޖާތަކުގެ ޒިންމާނަގައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ޔާސިރު އަލް މިސެހާލް މަގާމުން އިސްތިއުފާދީފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ވާދަކުރި ސައުދީ ދިޔައީ އެ ގްރޫޕްގެ އެންމެ ފުލަށެވެ. ފުރަތަމަ މެޗުން އުރުގުއޭ އަތުން 1-1 އިން އެއްވަރުވި ސައުދީ ދެ ވަނަ މެޗުގައި 4-0 އިން ސްޕެއިން އަތުން ބަލިވި އެވެ. ތިން ވަނަ މެޗުން މޮޅުވެގެން ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ސައުދީ ކެޓީ ފަހު މެޗުގައި ކޭޕް ވާޑްއާ 0-0 އިން އެއްވަރުވެގެންނެވެ. އުރުގުއޭ އާއި ސައުދީ ފަހަތަށް ޖައްސާލައި މި ގްރޫޕުން ނޮކައުޓަށް ދެން ދިޔައީ މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކޭޕް ވާޑް އެވެ.
"ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ސައުދީ އަރަބިއްޔާ ކޮލިފައިނުވުމަކީ އަހަރެމެން އުންމީދު ކުރި ގޮތާ ހިލާފަށް ދަށްކޮށް ދިޔަ ކަމެއް. އެ ކަމުގެ ފުރިހަަމަ ޒިންމާ އަހަރެން ނަގަން. މި ޓީމު މި އަށް ވުރެން ރަނގަޅު ހިސާބެއްގައި އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ އެންމެންގެ ކިބައިން އަހަރެން މާފަށް ވެސް އެދެން،" އެކްސްގައި ޔާސިރު ލިޔުއްވާފައިވެ އެވެ.
"މިހާ ހިސާބުން އަހަރެންގެ ޒިންމާ އަކަށް ވަނީ އާ ޗެޕްޓަރެއް ލިޔުމަށް ފުރުސަތު ދިނުން. އެހެންވެ، އަހަރެން މި ނިންމީ މި ދައުރުގައި ބާކީ އޮތް މުއްދަތުގައި ވެސް ރައީސްގެ މަގާމުން ވަކިވެލަން،"
ޔާސިރު އަކީ ސައުދީ ފުޓްބޯޅަ ރައީސްގެ މަގާމުގައި ފާއިތުވި ހަތް އަހަރު ހުންނެވި ފަރާތެވެ. ސައުދީ އަށް 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެންދިޔައީ ޔާސިރުގެ މިންނެތް މަސައްކަތުންނެވެ. ސައުދީ އަރަބިއްޔާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުުޅުނުއިރު، މިއީ ޖެހިޖެހިގެން އެ ޓީމުން ވާދަކުރި ތިން ވަނަ ވޯލްޑް ކަޕް އެވެ. ސައުދީގެ އެންމެ ރަނގަޅު ވޯލްޑް ކަޕް ތަޖުރިބާއަކީ 1994 ވަނަ އަހަރު އެމެރިކާ އިން ހޯސްޓްކުރި މުބާރާތުގެ ގަދަ 16 ގައި ކުޅުމެވެ.
އޭޝިއާ އިން މި ފަހަރު ނުވަ ގައުމެއް ވަނީ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެކަމަކު، ގަދަ 32 ޓީމު ކުޅޭ ނޮކައުޓްގެ ފުރަތަމަ ބުރުން، ފެންނާނެ އޭޝިއާގެ ދެ ގައުމަކީ ޖަޕާން އާއި އޮސްޓްރޭލިއާ އެވެ. މިއީ، އޭޝިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ގައުމުތަކުގެ އަދަދަށް ބަލާއިރު، 22 ޕަސެންޓް އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ކެޓުމާ އެކު، އެ ޓީމުގެ ކޯޗުގެ މަގާމުން ހޮންގް މިޔުން ބޯ އިސްތިއުފާދިންއިރު، އެ ޓީމަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ދިމާވި ކަންތައްތައް ބެލުމަށް ދެކުނު ކޮރެއާގެ ރައީސް، ލީ ޖައެ މިޔުން ވަނީ ގޮވާލައްވައިފަ އެވެ.
ވޯލްޑް ކަޕްގެ ނާކާމިޔާބީގެ ޒިންމާ ނަގައި ސައުދީ ފުޓްބޯޅަ ރައީސް ޔާސިރު އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ