ސްކޫލް ޗުއްޓީއަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް އިތުރުކުރަނީ

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން ޑޮމެސްޓިކް ފްލައިޓްތަކުގެ އަދަދުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރަށް 320 ޑޮމެސްޓިކް ފްލައިޓާއެކު ފަސިންޖަރުންނަށް ދަތުރު ކުރުމަށް 18،000 ސީޓް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މުއްދަތުގައި އެ އެއާލައިނުން 2،000 ޑޮމެސްޓިކް ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައިވެ އެވެ. އެއީ 110،000 ސީޓް ކެޕޭސިޓީ އެވެ. އެހެންވެ، ޑޮމެސްޓިކް ދަތުރުތަކާއެކު މޯލްޑިވިއަންގެ ކެޕޭސިޓީ ވަނީ 17 ޕަސެންޓަށް އިތުރުކޮށްފަ އެވެ.
މޯލްޑިވިއަން އިން ބުނީ، ސްކޫލް ބަންދާ ދިމާކޮށް ދަތުރުތައް އިތުރު ކުރުމަށްޓަކައި މޯލްޑިވިއަންގެ އެއާބަސް އޭ320 މަތިންދާބޯޓުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ކުރާނެ ކަމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިޔާސް ވިދާޅުވީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަކީ ރާއްޖޭގެ ރަށްތައް ގުޅާލުމަށް މުހިއްމު ނެޓްވޯކެއް ކަމަށެވެ. އަދި އާންމު ގޮތެއްގައި ވެސް ސްކޫލް ޗުއްޓީ ދުވަސްވަރު އެ އެއާލައިންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
އިތުރު ފްލައިޓްތަކާއެކު ރާއްޖޭގެ އެކި ހިސާބުތަކުން ދަތުރުތައް ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އެއާލައިންގެ ފްލީޓުގައި 26 މަތިންދާބޯޓް ހިމެނެ އެވެ. އޭގެ ތެރޭގައި އޭޓީއާރް ފަސް ބޯޓާއި އޭ330 މަތިންދާބޯޓަކާއި އެއާބަސް އޭ320 އާއި ޑޭޝް މަރުކާރުގެ އަށް ބޯޓާއި 11 ސީޕްލޭން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ