އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމްކޮށް، އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ހާއްސަ އިސްކަމެއްދީގެން ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ކެމިކަލް ގުދަން ކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް އެފަދަ ތަންތަން ހެދުމުގެ ހުއްދަ ދެން ދޭނީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރު އަދި ރައްކާތެރި ހިސާބުތަކުން ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުޅި ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ފަށަން ނިންމިއިރު، އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން މިހާރު ވެސް އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް 12 އަތޮޅެއްގައި ދެމުންނެވެ. އަދި އެ ކުންފުނީގެ ބަހުގެ ހިދުމަތް މާލޭގެ އިތުރުން ހަ އަތޮޅެއްގައި ވެސް ދަނީ ދެމުންނެވެ. އަދި މިދިޔަ އެޕްރީލް މަހު މާލެ ސަރަހައްދުގައި އެ ކުންފުނީގެ ޓެކްސީ ލައިންގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ.
އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ