ފަސް އަހަރު މަޑުކުރަން ނުޖެހި ރަށްވެހިކަން ބަދަލު ކުރެވޭނެ ގޮތް ހެދުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

މެދުކެނޑުމެއްނެތި ފަސް އަހަރު ދިރިއުޅުމުން ނޫނީ ރަށްވެހިކަން ބަދަލުނުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ ރަށަކުން ބިމެއް، ގެއެއް ނުވަތަ ފުލެޓެއް މިލްކުވެފައިވާ ފަރާތްތަކަށް ރަށްވެހިކަން ހޯދޭނެ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި އެވެ. 
މި ބިލް ސްޕޮންސާ ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ އިސްލާހުގެ މައިގަނޑު ބޭނުމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހުރި ދަތިތައް ނައްތާލައި، މިޒަމާނުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތާ އެއްގޮތަށް ރަށްވެހިކަން ބަދަލުކުރުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.  
ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ 59 މެންބަރުން އެ ބިލު ބޭރުކޮށްލުމަށް ވޯޓު ދެއްވި އެވެ. އެ ބިލުގެ ބަހުސްގައި ޕީއެންސީގެ މެންބަރުން ވަނީ އެއީ ގޯސް ނިޔަތެއްގައި ހުށަހެޅި ބިލެއް ކަމަށް ބުނެފަ އެވެ. 
އެ ބިލުގައިވާ ގޮތުން ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފުލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދުމުގެ އިހުތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތަށް އެފަދަ ހައްގަކާއި މިލްކުވެރިކަމެއް އޮތްކަން ރަސްމީ ލިޔެކިޔުންތަކުން ސާބިތުކޮށްދިނުމުން، އަދި އެ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއިން ކަށަވަރުކުރުމަށްފަހު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އާ ރަށެއްގައި ރަޖިސްޓަރީ ކުރެވުމާއެކު، ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓަރީން އެމީހަކު އުނިކުރެވޭނެ ކަމަށާއި، އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ރަށަށްވުރެ ގިނަ ރަށެއްގައި ރަޖިސްޓަރީވެފައެއް ނުހުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.
މި އިސްލާހާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭއިރު، އެ ގަވާއިދުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޖުރާއާތުތަކުގެ އިތުރުން ބަލަދުވެރިކަމުގެ ދަށުގައިވާ ކުދިންގެ ރަށްވެހިކަން ބަދަލުކުރުމުގެ އުސޫލުތައް ބަޔާންކުރަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ