ޔޫކްރޭނުގެ ސަރަހައްދުތައް ހިފުމަށް، ރަޝިޔާ ފަހަތަކަށް ނުޖެހޭނެ: ޕުޓިން

ޔޫކްރޭނުގެ ހަތަރު ސަރަޙައްދެއް ހިފުމަށް ރަޝިޔާގެ ފައުޖުތައް ކުރަމުންދާ ހަނގުރާމައިގައި، އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން މިހެން ވިދާޅުވެފައިވަނީ، ހަތަރު އަހަރުވީ ހަނގުރާމައިގައި ޙަމަލާތައް މަޑުޖައްސައިލަން ޔޫކްރޭނުން އައު ހުށަހެޅުމެއް ހުށަހަޅާފައިވަނިކޮށެވެ.
ޔޫކްރޭނުން ހުށަހަޅާފައިވަނީ، ސަރަޙައްދީ ރޮނގުގެ ބޭރުން ވައިގެ ޙަމަލާތައް ދިނުން ދެ ފަރާތުން ވެސް ހުއްޓައިލުމެވެ.
ނަމަވެސް، ރަޝިޔާގެ ދަޢުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ، ޔޫކްރޭނުގެ އެކި ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ވައިގެ ޙަމަލާތަކުގެ ސަބަބުން ޔޫކްރޭނު ބަލިކަށިވެފައިވާ ކަމަށާއި، އެހެންކަމުން މިއީ ޙަމަލާދިނުން މަޑުޖައްސައިލަންވީ ވަގުތު ނޫން ކަމަށެވެ.
ނަމަވެސް، ރަޝިޔާގެ ތެޔޮ ކާރުޚާނާތަކަށް އަމާޒުކޮށް ޔޫކްރޭނުން ދެމުންދާ ޑްރޯން ޙަމަލާތައް ހުއްޓުވަން، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށެވެ.
މި ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަ ޤާއިމުކުރަން ޕޫޓިން އާއެކު ވަކިން ބައްދަލުވުމެއް ބާއްވަން ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ހުށަހަޅުއްވައިފައެވެ. ނަމަވެސް، ޕޫޓިން ވަނީ ޒެލެންސްކީ އާ ބައްދަލުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ސުލްޙައިގެ އެއްވެސް އެއްބަސްވުމެއްގެ މުހިންމު ޝަރުތެއްގެ ގޮތުގައި ޑޮންޏެސްކް ސަރަޙައްދުގައި ތިބި ޔޫކްރޭނު ސިފައިން ފަހަތަށް ޖެހުމަށް ޕޫޓިން ގެންދަނީ ވަނީ ފެށުނީއްސުރެ ވިދާޅުވަމުންނެވެ. 2022 ވަނަ އަހަރު ރަޝިޔާއަށް އަރައިގަތްތާ ހަތް މަސް ފަހުން ރަޝިޔާއިން ވަނީ އެ ހަތަރު ސަރަޙައްދު ކަމަށްވާ ޑޮންޏެސްކް އަދި ލުހާންސްކް ސަރަޙައްދުގެ އިތުރުން ޚެރްސަން އާއި ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިފައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ